ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަށް މީހުން ގެނެސްގެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި 2006 ވަނަ އަހަރު އެމްޑީޕީން މާލޭގައި މުޒާހަރާއެއް ބާއްވަން އުޅުނު މައްސަލައާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އެ މައްސަލައާ ގުޅިގެން އަމީން ފައިސަލްގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އާއި ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ. އައްބާސްގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް އެ މައްސަލައާ ގުޅިގެން ވަނީ ދައުވާ އުފުލައިފަ އެވެ. އެ މީހުންނަކީ ސ. ހިތަދޫ ކްރޭންގޭ އަލީ އަބްދުﷲ އާއި ހަމަ އެ ރަށު ބިންބިމާގޭ އިބްރާހީމް ސަބުރީ އާއި އޯކިޑުވާދީ މުހައްމަދު އަޒުމީ އާއި އަސްރާމަންޒިލް އަބްދުﷲ އަސްރާރު އާއި ގުލްހަޒާރުގޭ އަހްމަދު މުހައްމަދާއި ސ. މަރަދޫ ގްޑުލަކް އަހްމަދު ދީދީ އާއި ހަމަ އެ ރަށު ވެނީލާގޭ ޝަހުރުއްޒަމާން ވާފިރުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު އެމީހުންގެ ތެރެއިން ޝަހުރުއްޒަމާނަށް މަރަދޫ އޮފީހުން ފޮނުވި ސިޓީއެއްގައި "ނަމޫނާ ދޯނީގައި ގާނޫނާ ޚިލާފަށް ރާއްޖޭގެ އަމަންއަމާންކަން ގެއްލުވާލައި، ގާނޫނާ ޚިލާފު އަމަލުތައް ހިންގުމުގެ ބޭނުމުގައި އައްޑޫން މާލެއަށް ބަޔަކު ފުރާކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ ބަޔަކު ގޮވައިގެން ނުފުރުމަށް އަންގާފައިވާ ކަމަށެވެ.

ދައުވާގައި ބުނެފައި ވަނީ އެ މީހުން މާލެ އައުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމުން އެކަމަށް އިޖާބަދިނުމުގެ ގޮތުން ކަމަށެވެ.

މަހަށްދާ ފަޅުވެރީން ފިޔަވައި އިތުރު ބަޔަކު ދޯނިން ނުގެންދިޔުމަށް މަރަދޫ އޮފީހުގެ ސިޓީގައި ބުނެފައި ވަނިކޮށް "ނަމޫނާ" ދޯނި ހުވަދު އަތޮޅަށް ކުރާ ދަތުރަށް އެމްޑީޕީގެ އައްޑޫ ދާއިރާގެ އެކައުންޓުން ދޫކޮށްފައިވާ 10،000ރ.ގެ ޗެކެއް ލިބިފައިވާ ކަމަށާއި ގަންބްރާންޗުން އެޗެކަށް ފައިސާ ނެގި ކަމަށް ޝަހުރުއްޒަމާން ތަހުގީގުގައި ބުނެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

މަރަދޫ އޮފީހުގެ އެންގުމާ ޚިލާފަށް އެމީހުން އެ ދޯނީގައި ދަތުރު ކުރަމުންގޮސް ގއ. ކޮލަމާފުއްޓާ ތިން މޭލެއްހާ ދުރުގައި އޮއްވައި އެ ދޯންޏަށް މާލެ ނުދެވޭނެ ކަމަށާއި އެނޫން ކޮންމެ ތަނަކަށް ވެސް ދެވިދާނެ ކަމަށް ކޯސްޓުގާޑުން އެމީހުންނަށް އެންގި ކަމަށް އެ ދައުވާގައި ވަނީ ބުނެފަ އެވެ.

ކޯސްޓުގާޑުން އެގޮތަށް އެންގުމުން އިތުރަށް ދަތުރު ކުރާނީ 150،000ރ. ދިނުމުން ކަމަށް ދޯނީގެ ކެޕްޓަން އަހްމަދުދީދީ ބުނުމުން ތ. ކިނބިދޫއާ ހަމައަށް ދަނިކޮށް އެ އަދަދަށް ފައިސާ ދޭނެ ކަމަށް އަމީން ފައިސަލް ބުނި ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ. އަދި އެދަތުރު ކުރިއަށް ގެންދިޔުމަށް އައްބާސް އާދިލް ރިޒާ އާއި އިތިރު ބަޔަކު ބާރުއަޅާފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

ދައުވާގައި ބުނެފައި ވަނީ އަމީން ފައިސަލާއި އައްބާސް އާދިލް ރިޒާ އެކި މީހުންނަށް ފޯނުކޮށް ސިފައިން ބަދުނާމުކުރުމުގެ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތެއް ދައްކާފައިވާ ކަމަށާއި އަދި އައްބާސް އާދިލް ރިޒާ ސިފައިންނާ މުޚާތަބުކޮށް "މީނާއަކީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް 10 ނޮވެމްބަރު 2006ގައި އެމްޑީޕީން މާލޭގައި ބާއްވާ ހަރަކާތަށްދާ މީހެއް ކަމަށް،" ބުނެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ލިބިފައިވާ ވީޑިއޯ ކްލިޕްތަކަށް ބަލާ އިރު އައްބާސް އާދިލް ރިޒާ އެގޮތަށް ވާހަކަ ދައްކާ މަންޒަރު ފެންނަ ކަމަށް ވެސް އެ ދައުވާގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 10:00 އަށް ޝެޑިއުލްކުރި ނަމަވެސް ދައުވާ ލިބޭ ފަރާތްތަކަށް ޗިޓް ހަވާލުނުކުރެވޭތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.