09 Dec 2010, 04:43
ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމަކަށް، އެއްވެސް ފަރާތަކުން ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރައްވާފައި ވަނީ، މިއަދަކީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސްކަމަށްވުމާ އެކު، ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ.
ރައީސްގެ ހިތާބުގައި، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުގެންދާ މަސައްކަތްތަކުގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ އެއްބާރުލުމަށް ގޮވާލައްވާފައިވެ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް އިލްތިމާސް ކުރައްވާފައި ވެސްވެ އެވެ. އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުން ކުރާ ކޮންމެ ކަމެއްވިޔަސް، ކޮންމެ މަސައްކަތެއް ވިޔަސް، ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް، އެކަމެއް ކުރުމަށް ދޭންވާ ސަމާލުކަން ދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ތަރައްގީގެ މަގުގައި ކުރިއެރުންތައް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ފައިސާ އާއި ތަކެއްޗާއި ވަގުތުގެ ހޭދަކުރަން ތިބި ރާއްޖޭގެ ވިޔަފާރިވެރިންގެ އަދި ބޭރުގެ ފަރާތްތަކުގެ އިތުބާރު ގުޅިފައި ވަނީ، ކޮރަޕްޝަނާއި ފަސާދައިން އެފަދަ ހިއްސާތައް ނުވަތަ އިންވެސްޓްމަންޓްތައް ސަލާމަތްކުރެވި އޮންނާނެ މިންވަރަކަށް ކަމަށްވެސް ރައީސް ނަޝީދުގެ ހިތާބުގައި ބަޔާންކުރައްވާފައިވެ އެވެ. އަދި މިކަންކަން ވަރަށް ބޮޑަށް ގުޅިފައިހުރީ، އެންޓިކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަންފަދަ މިޤައުމުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމުގެ މިންވަރާއި، އެތަންތަން މުސްތަޤިއްލު ކަމުގައި ފެންނަ އަދި ބެލެވޭ މިންވަރާ ކަމުގައި ވިދާޅުވެފައިވެ އެވެ.
"ރިޝްވަތު ދިނުމާއި ހިފުމުގެ ހުތުރުކަމާއި ލަދުވެތިކަން އެއީ ކޮންމެ މަޔަކު އަދި ބަފަޔަކުމެ ޅަދަރީންނަށް ގޭތެރެއިން އެކިގޮތްގޮތަށާއި، އެކި މިސާލުން ވިސްނަވައިދެއްވާ ކަންކަމަށް ހެއްދެވުމަށް އަބަދުމެ ހަނދުމަފުޅު ބަހައްޓަވަންވާނެ. ކޮރަޕްޝަނުގެ އެކި އަމަލު އެއީ، އެކަމެއްގެ ކުޑަބޮޑުމިނާ ނުބައްދަލު މުޑުދާރު ހަޑިހުތުރު ކަންކަން ކަމާއި، އެކިނަމުގައި ހުށައެޅޭ ދީލަތި އެހީ އެއީ، ރިޝްވަތާއި ކޮރަޕްޝަން ކަމަށް ބަދަލުވެގެންދާ ހާލަތުތަކާ މެދު ގޭތެރޭގައި ވެސް، މަދަރުސާތަކުގައި ވެސް އަދި އޮފީސްތަކުގައި ވެސް ވާހަކަ ދައްކައި ހާމަކޮށް ބުނެދިނުމަކީ، މުހިންމު ކަންކަން ކަމުގައި އަބަދުވެސް ބައްލަންވާނެ." ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ ހިތާބުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ހިންގުމުގެ ފުރްސަތަކީ، ސަރުކާރުގައި ވިޔަސް އަދި އަމިއްލަ ވިޔަފާރީގައި ވިޔަސް އޮވެގެންވާނެ ފުރްސަތެއް ނޫންކަމަށްވެސް ވިދާޅުވެފައިވެ އެވެ.