08 Dec 2013, 11:15
ޖޮހަނަސްބާގް (ޑިސެމްބަރު 8): މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި ދެކުނު އެފްރިކާގެ ޒައީމް ނެލްސަން މަންޑޭލާގެ ޖަނާޒާ އަށް ވަރަށް ޚާއްސަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ދެކުނު އެފްރިކާގެ ވަޒީރެއް ކަމަށްވާ ކޮލިންޒް ޗަބާން ވިދާޅުވީ މަންޑޭލާގެ ޖަނާޒާއަކީ މިފަހަކަށް އައިސް ދުނިޔޭގައި ނުބާއްވާ ވަރުގެ ބޮޑުޖަނާޒާ ކަމަށް ވެގެންދާނެ ކަމަށާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނާ އެކު މުޅި ގައުމު ތައްޔާރުވަމުންދަނީ މަންޑޭލާގެ ޖަނާޒާ އަށް ކަމުގަ އެވެ. މަންޑޭލާގެ ޖަނާޒާ އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތައުބީންގެ ކަންތައް އިއްޔެއިން ފެށިގެން އެއް ހަފްތާގެ މުއްދަތައް ކުރިޔަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަންޑޭލާގެ ޖަނާޒާގައި ދުނިޔޭގެ ސަތޭކައަށް ވުރެ ގިނަ ގައުމުތަކުގެ ލީޑަރުންނާއި ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތައް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ އިރު މަންޑޭލާއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެކި ފެންވަރުގެ މީހުން ދެކުނު އެފްރިކާ އަށް އަންނަން ފަށާފައިވާ ކަމަށް ޚަބަރު ލިބެ އެވެ.
މަންޑޭލާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15ވާ އާދީއްތަ ދުވަހު ދެކުނު އެފްރިކާގެ ޓްރާންސްކެއީގެ ކޯނޯ ވިލެޖްގަ އެވެ. ވައިޓް ހައުސްއިން ވަނީ މަންޑޭލާގެ ޖަނާޒާގައި ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުންގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން އާއި ޖޯޖް ޑަބްލިޔު ބުޝް ބައިވެރިވެވަޑައިގަންނަވާނެ ކަން ހާމަކޮށްފަ އެވެ. (ރޮއިޓާސް)