މަނާމާ (ޑިސެމްބަރު 8): އީރާނުގެ ނިއުކްލިޔާ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެމެރިކާ މާބޮޑަށް ޑިޕްލޮމަސީ އަށް އިސްކަންދޭ ދިނުން ނުބައި ގޮތަކަށް މާނަ ނުކުރުމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހޭގްލް ގޮވާލައްވައިފި އެވެ.

ހޭގްލް ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެމެރިކާ ޑިޕްލޮމަސީ އަށް ބޮޑަށް އިސްކަންދެނީ ރޭވުންތެރިކަންނެތި ނޫން ކަމަށާއި މިކަން އެމެރިކާގެ ބައިވެރިން ވެސް ދެނެގަންނަން ޖެހޭ ކަމުގަ އެވެ. މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ބައެއް ބަދަލުތަކާ އެކު ސޫރިޔާގެ މައްސަލަ އާއި އީރާނާ ގާތްވުމުގައި އެމެރިކާ ޢަމަލުކުރަމުން ގެންދާ ގޮތްތަކުގެ ސަބަބުން ގަލްފުގެ ޢަރަބި ގައުމުތަކުގެ ވެރިންގެ ހިތްޕުޅު ނުތަނަސްވެފައިވާ ކަމަށް ހޭގްލް އެއްބަސްވެ ވަޑައިގެންނެވި އެވެ.

ބަހްރައިންގެ ވެރިރަށް މަނަމާގައި އިއްޔެ ނިމުނު މެދުއިރުމަތީގެ އަމަނާ ބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ހޭގްލް ވިދާޅުވީ ގަލްފުގެ ގައުމުތަކުން މިކަންބޮޑުވުންތައް ފާޅުކުރަން ފެށީ އީރާނުގެ ނިއުކްލިޔާ މައްސަލަ ފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެމެރިކާ ޑިޕްލޮމަސީ އަށް އިސްކަންދޭން ފެށުމުން ކަމުގަ އެވެ. ނަމަވެސް އެމެރިކާ ޑިޕްލޮމަސީ އަށް އިސްކަންދޭ ދިނުން ނުބައި ގޮތަކަށް މާނަ ނުކުރުމަށް ހޭގްލް ގަލްފުގެ ގައުމުތަކަށް ގޮވާލެއްވި އެވެ.

މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ މެދު ގަލްފުގެ ޢަރަބި ގައުމުތަކުގެ ވެރިން ކަންބޮޑުވެވަޑައިގަންނަވާ މައްސަލާގައި ހޭގްލް ވިދާޅުވީ ގަލްފުގެ އަމަނާއި ސަލާމަތަށް އެމެރިކާ ސަމާލުކަންދޭ މިންވަރަށް ކުޑަވެސް ބުރުލެއްނާރާނެ ކަމުގަ އެވެ. މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ އަމަނާއި ސަލާމަތްތެރިކަން އެމެރިކާ ބަލަހައްޓަނީ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ޒަމާނީ ބަރުހަތިޔާރާއި 35 ހާސް ސިފައިންގެ އެހީގެ އިތުރުން ޑިޕްލޮމަސީގެ ވެސް އެހީތެރިކަމާއެކުގައި ކަމަށްހޭގްލް ވިދާޅުވި އެވެ.

ހުރިހާ ކަމެއްގައި ވެސް އެމެރިކާއަށް ބަރޯސާކުރާ ގަލްފުގެ މުއްސަނދި ޢަރަބި ގައުމުތައް މިފަހަކަށް އައިސް އެމެރިކާއާ މެދު ހިތްހަމަނުޖެހޭކަން ފާޅުކުރަމުން ގެންދަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމަށް އެމެރިކާ ފަސްޖެހުމާއި އީރާނާ ގާތްވުމުގެ ސިޔާސަތުތަކެއް އެމެރިކާ ގެންގުޅެން ފެށުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ އާއި އީރާން ގާތްވަމުން ދިޔަ ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ ވަތުގީ އެއްބަސްވުމެއް ވެސް ވަނީ ވުޖޫދަށް އައުމުން ވެސް އެގައުމުތަކުން އެކަމަށް ދީފައި ވަނީ ފިނި ތަރްހީބެކެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑު ހަ ބާރާއި އީރާނާ ދެމެދު ސޮއިކުރި ހަ މަސްދުވަހުގެ ވަގުތީ އެއްބަސްވުމާ އެކު އީރާނާދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިތައް ލިބި އީރާނަށް އިޤްތިސާދީ ބޮޑެތި ފައިދާތަކެއް ގަލްފުގެ ޢަރަބި ގައުމުތައް ކަންބޮޑުވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)