08 Dec 2013, 09:14
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ، އެންމެބޮޑަށް ފާހަގަވެގެންދަނީ ނަސްލީ އިމްތިޔާޒު ނައްތާލެއްވުމަށް ބުރަމަސައްކަތްޕުޅުތަކެއް ކުރެއްވި ހިތްވަރުފުޅުގަދަ ބޭފުޅެއްގެ ގޮތުގައި ކަމަށް ނާއިބް ރައީސް ޑރ. ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ނާއިބް ރައީސް މިހެން ވިދާޅުވީ، ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ހިތާމަފާޅުކުރައްވަމުން ހުކުރު ދުވަހު ހަވީރު ދެއްވި ބަޔާނެއްގައެވެ.
ނާއިބް ރައީސް ވިދާޅުވީ ނެލްސަން މަންޑޭލާ ފާހަގަކުރެވިފައި ވަނީ އިންސާނީ ހަމަހަމަކަމާއި ހައްގުތައް ކަށަވަރުކޮށްދެއްވުމަށް ވަކާލާތު ކުރައްވައި، ނަމޫނާ ދެއްކެވި ޝަޚުސިއްޔަތެއްގެ ގޮތުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ނެލްސަން މަންޑޭލާއަކީ، މުޅި ދުނިޔެ ޚާއްސަ ގަދަރެއް ދީފައިވާ ބައިނަލްއަގުވާމީ ޝަޚުސިއްޔަތެކެވެ. ލާމަސީލު ބޭފުޅެކެވެ. މި ޖީލުގެ ގިނަބައެއްގެ އިޙްތިރާމާއި ގަދަރާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ.
ނެލްސަން މަންޑޭލާއަކީ، ދިވެހި ރައްޔިތުންގެ މަގުބޫލުކަން ހޯއްދަވާފައިވާ ޝަޚުސިއްޔަތެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ޚިދުމަތްތަކާއި މަސައްކަތްޕުޅުތަކުން އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމުގައި ނާއިބް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިނިވަންކަމާއި، އިންސާނީ ކަރާމާތްތެރިކަމާއި، ހައްގުތައް މިއަދުގެ ދުނިޔޭގައި އާންމު ބަސްތަކަކަށްވެ، އެކި ގައުމުތަކުގެ ގާނޫނުއަސާސީގައާއި ގާނޫނުތަކުގައި އިންސާނީ ކަރާމާތާއި ހައްގުތަކުގެ ވާހަކަ ބަޔާންވެގެންދިޔަ އެންމެ މުހިންމު ސަބަބަކީ އެމަނިކުފާނުގެ މަސައްކަތްޕުޅު. އެމަނިކުފާނު ދެއްކެވި އިންސާނީ ހަމަހަމަކަމުގެ ރީތި ނަމޫނާގެ ސަބަބުން، ތަފާތު ދީންތަކުގެ މީހުންވެސް ޞުލްޙަވެރިކަމާއެކު އުޅުމާއި، އެކަކު އަނެކެއްގެ ހައްގުތަކަށް އިޙުތިރާމުކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ޢަމަލީ މަސައްކަތްޕުޅުން ވަނީ އަޅުގަނޑުމެންނަށް ދައްކަވާފައި." ނާއިބް ރައީސް ވިދާޅުވި އެވެ.
ނާއިބް ރައީސްގެ ވާހަކަފުޅުގައި، ނެލްސަން މަންޑޭލާއަކީ،ބަދަލުހިއްޕެވުމުގެ އެއްވެސް ރޫޙެއް ގެންގުޅުއްވާފައިނުވާ ބޭފުޅެއްކަން، ޚާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދިމުޅިދުނިޔޭގެ ލޯތްބާއި އިޙުތިރާމާއި ގަދަރު ހޯއްދަވާފައިވާ ބޭފުޅަކު، މިއަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، މުޅި ދުނިޔެއަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ފާހަގަކުރައްވައި އެއީ، މުޅި އިންސާނިއްޔަތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަން ނާއިބް ރައީސް ވިދާޅުވި އެވެ.