08 Dec 2013, 09:01
ދިރާސީ އާ އަހަރު ފެށިގެންދާނީ، ބެލެނިވެރިންގެ މިހާރު ހުރި ވަރަށް ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވިގެން ކަމުގައި ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ނާއިބް ރައީސް މިހެން ވިދާޅުވީ ގަލޮޅުގެ އަވަށުގެ ބައެއް ގޭގެއަށް ހުކުރު ދުވަހުގެ ހަވީރު ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ތައުލީމީ އާ އަހަރު ފެށިގެންދާއިރު އިސްލާމީ ނިޒާމުގެ ތެރެއިން ކުދިން ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ކީރިތި ގުރުއާން މާއްދާއެއްގެ ގޮތުގައި ހުރިހާ ސްކޫލެއްގައި ކިޔަވައިދެވި، އަދި އަރަބި ބަސްވެސް ހުރިހާ ސްކޫލެއްގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހާލު ބެއްލުވުމުގެ މަސައްކަތަކީ، އަބަދުވެސް ކުރައްވާނެ މަސައްކަތެއް ކަމުގައިވެސް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގަލޮޅުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމުން، ސިއްހީ ދާއިރާގަޔާއި، ތައުލީމީ ދާއިރާގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެންފި ކަމަށެވެ.