މިދިޔަ ބުދަ ދުވަހުގެރޭ އެވަޓަން އަތުން 1-0 އިން ބަލިވި މެޗަށްފަހު މިރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ހަމަ އެ ނަތީޖާއިން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ހަތަރު ދުވަހުގެ ތެރޭގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ބަލިވެއްޖެ އެވެ.

އެވަޓަން އަތުން 1992 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވި މެޗަށްފަހު ހޮނިހިރު ދުވަހުގެރޭ އޯލްޑް ޓްރަފޮޑްގައި ކުޅުނު ފޯރިގަދަ ލީގު މެޗުގައި ޔުނައިޓެޑްގެ ގޯލް ހުޅުވާލައި، 41 އަހަރު ފަހުން އެ ދަނޑުގައި ނިއުކާސަލް ލީގު މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވި ލަނޑު މެޗުގެ 61 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފްރާންސް މިޑްފީލްޑަރު ޔޯހަން ކަބާޔޭ އެވެ.

ނިއުކާސަލްއިން ޔުނައިޓެޑް މައްޗަށް ހޯދި ތާރީހީ މޮޅު ފާހަގަކުރަމުންދާއިރު ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއެސްއަށް ފާޑު ކިޔުންތައް ވަނީ ކުރިމަތިވެފަ އެވެ.

މޮއެސްގެ ޓީމުން މި ސީޒަންގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ހޯދަން ލިބުނު 24 ޕޮއިންޓްގެ ތެރެއިން 13 ޕޮއިންޓް ގެއްލުވާލާފައި ވާއިރު މިއީ 2002 ވަނަ އަހަރަށްފަހު ޔުނައިޓެޑް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ޔުނައިޓެޑް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެމެޗުން ބަލިވީ އާސެނަލްއާއި މިޑްލްސްބަރާ އަތުން ހަމަ 1-0ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑް އަތުން ހޯދި ތިން ޕޮއިންޓާއެކު ނިއުކާސަލް ޖުމްލަ 26 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފައިވާއިރު ޔުނައިޓެޑް ވަނީ، 22 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައަށް ވެއްޓިފަ އެވެ. އެހެން ކަމުން އާދިއްތަ ދުވަހުގެ ރޭ އާސެނަލް، އެވަޓަން އަތުން މޮޅުވެއްޖެ ނަމަ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑާއި ލީގު ލީޑަރު އާސެނަލްއާ ދޭތެރޭ 15 ޕޮއިންޓަށް ފަރަގު ބޮޑުވާނެ އެވެ.

މޮއެސް ބުނީ، އަދިވެސް ޔުނައިޓެޑަށް ލީގު ކާމިޔާބުކުރުމުގެ އުންމީދު ނުގެއްލޭ ކަމަށާއި، ސީޒަންގެ ފަހުކޮޅުގައި އެކަން ފެނިގެންދާނޭ ކަމަށެވެ. އަދި އޭނާގެ ޓީމަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖެހުމުގައި އިތުބާރު ނެތުން ކަމަށް ވެސް މޮއެސް ބުންޏެވެ.