ރަށުން ބޭރުގައި ބޮލޮގްނާ އަތުން 2-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަންސް ޔުވެންޓާސް އިޓާލިއަން ލީގު ތާވަލުގެ ކުރީގައި ހަޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

ލީގު ތާވަލުގެ 18 ވަނައިގައި 12 ޕޮއިންޓާއެކު އޮތް ބޮލޮގްނާއަތުން ހޮނިހިރު ދުވަހު ކުޅުނު މެޗުން މޮޅުވުމުން 15 މެޗު ކުޅެގެން ޔުވެންޓާސް އަށް ވަނީ، 40 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓާސް އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ އޭއެސް ރޯމާ ތާވަލުގެ ދެވަނައިގައި އޮތީ، 34 ޕޮއިންޓާ އެކު އެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި އަންނަ ބުދަ ދުވަހުގެރޭ ތުރުކީގެ ގަލަތަސަރާއީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އެންޓޯނިއޯ ކޮންޓޭގެ ޓީމުގައި މުހިއްމު ހަ ކުޅުންތެރިން ނުލައި ކުޅުނު ނަމަވެސް މެޗުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދައްކައި ޔުވެންޓާސްއިން ވަނީ، 13 ވަނަ މިނިޓްގައި ލީޑް ނަގާފަ އެވެ. އެޓީމަށް ބޮލޮގްނާގެ ގޯލް ހުޅުވާލަދިނީ، ޗިލީ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ.

ފަސްދުވަސް ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ގަލަތަސަރާއީއާ ދެކޮޅަށް ކުޅޭ މެޗުން ޔުވެންޓާސް ބަލިވެއްޖެ ނަމަ، އެ މުބާރާތަށް އަލްވަދާއު ކިޔަން ޖެހޭނެތީ، ޔުވެންޓާސްއިން އެޓީމުގެ އާޖެންޓީނާ ފޯވާޑް ކާލޯސް ތެވޭޒް ފަދަ މުހިއްމު ކުޅުންތެރިން ބެންޗުގައި ބައިތިއްބައިގެން ކުޅުނު މެޗުގެ 70 ވަނަ މިނިޓްގައި ތެވޭޒަށް ފުރުސަތު ދިނެވެ. އަދި މެޗު ނިމެންދަނިކޮށް 89 ވަނަ މިނިޓްގައި ތެވޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު ޖިއޮޖިއޯ ޗިއެލިނީ އެވެ.

މެޗުގައި ބޮލޮގްނާއަށް ވެސް ލަނޑުޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ގެއްލުނު އިރު އެޓީމު ވަނީ، ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ.

މި މޮޅާއެކު ޔުވެންޓާސް އެންމެ ފަހުން ކުޅުނު ހަތްމެޗުން މޮޅުވެފައިވާއިރު ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ރޯމާ، އާދިއްތަ ދުވަހު ފިއޮރެންޓީނާ އަތުން މޮޅު ނުވެއްޖެ ނަމަ ހަ ޕޮއިންޓްގެ ލީޑު އެޓީމަށް ދެމެހެއްޓޭނެ އެވެ.