07 Dec 2013, 21:44
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ފިލައިގެން ހޯދަން ފަށައިފި އެވެ. އޭނާ ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެގޮތަށް ގެއްލިގެން ފުލުހުން ހޯދާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހދ. ނޭކުރެންދޫ، ޝާޒިން، އާމިނަތު އިފާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޭނާ ފިލާފައި ވަނީ މަންމައާ އެކު ގެއަށް ދިޔަ މަގުމަތީގައި އިމްޕީރިއަލް ކްލިނިކް ސަރަޙައްދުން ކަމަށެވެ.
"އާމިނަތު އިފާ އަކީ ލޮލުގެ ކަޅި ކަޅު، އިސްތަށިގަނޑު ފަން އަދި ހަށިގަނޑުގެ ރޫފަ ހިކި ކުއްޖެކެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ސްކިނީ ޖިންސެކެވެ." ފުލުހުން ބުނެ އެވެ.
މީގެ ކުރިން އެކުއްޖާ ފިލި އިރު އެކުއްޖާ ހޯދާފައި ވަނީ ފިލިތާ ދެ ތިން ދުވަސް ފަހުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާ އުސްފަސްގަނޑުގެ ސަރަހައްދުނެވެ.
އާއިމިނަތު އިފާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތު ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
ފަހަކަށް އައިސް ފުރާވަރުގެ ކުދިން ގެއްލިގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ ކުދިން ގިނަ ފަހަރަށް ފެންނަނީ ކޮންމެވެސް ރައްޓެއްސަކާ އެކު އުޅެނިކޮށެވެ.