07 Dec 2013, 17:47
ހޯދި މީހަކަށް، ނުވަތަ ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ފޯރުކޮށްދިން މީހަކަށް 100،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ސައިބާކުރައިމްގެ ބޮޑެއް ރާއްޖެ އަތުވެދާނެ ކަމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ބުނެފި އެވެ.
އެފްބީއައިއިން ހޯދަމުންދާ ސައިބާކުރައިމް ނުވަތަ ކޮމްޕިއުޓަރު ބޭނުންކޮށްގެން އިޓަނެޓް މެދުވެރިކޮށް ކުރެވޭ ކުށްތަކުގެ އެންމެ ނުރައްކާތެރި 10 މީހުންގެ ތެރޭގައި ހިމަނައިގެން ހޯދަމުންދާ މި މީހާއަކީ ލެޓްވިއާއަށް އުފަން އެލެކްސޭ ބިލަން އެވެ.
އެފްބީއައިއިން ނެރެފައިވާ "ވޯންޓެޑް ޕޯސްޓަރު"ގެ ރިމާކްސްގައި ބުނެފައި ވަނީ ބިލަން އަކީ ރަޝިޔާގެ ޕާސްޕޯޓެއް ގެންގުޅޭ މީހެއް ކަމަށާއި އޭނާ އަށް ރަޝިޔާ ބަސްވެސް އެނގޭނެ ކަމަށެވެ. އެންމެ ފަހުން ގުރީސްގެ ވެރިރަށް އެތެންސްއިން ފެނިފައިވާ ބިލަން ދެން ދަތުރުކުރާނީ ރަޝިޔާ، ދިވެހިރާއްޖެ، ތައިލެންޑް، ގުރީސް ނުވަތަ ލެޓްވިއާއަށް ކަމަށް ރިމާކްސްގައި ބުނެފައިވެ އެވެ.
ނަމަވެސް ބިލަން ރާއްޖެ އަތުވެދާނެ ކަމަށް އެފްބީއައި އަށް ބެލެވޭ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އެފްބީއައި އިން ބުނީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ތެރޭގައި ބިލަން ވަނީ އެމެރިކާގެ ނެވާޑާ އަދި ކެލިފޯނިއާގައި ހުންނަ އީ-ކޮމާސްގެ މަސައްކަތްކުރާ ތިން ކުންފުންޏެއްގެ ޑޭޓާބޭސްތައް ވަގަށް ނަގާފައި ކަމަށެވެ. އަދި މިޑޭޓާބޭސްތަކުގައި ހުރި ޔޫސާ އިންފޮމޭޝަންތައް އާއްމުކޮށް ލިބޭނެ ގޮތަށް އޭނާ އިންޓަނެޓްގައި އެމައުލޫމާތުތައް ފަތުރާފައިވާ ކަމަށް އެފްބީއައި އިން ބުނެ އެވެ.
ބިލަން ހައްޔަރުކުރުމަށް އެމެރިކާގެ ނެވާޑާ އަދި ކެލިފޯނިއާގެ ކޯޓަކުން ދެ އަމުރެއް ނެރެފައިވެ އެވެ. އެއީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު 12 ގައި ނެވާޑާގެ ޑިސްޓްރިކްޓް ކޯޓުން ނެރުނު އަމުރަކާއި 2013 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ކެލިފޯނިއާގެ ޑިސްޓްރިކްޓް ކޯޓުން ނެރެފައިވާ އަމުރެކެވެ.
ބިލަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އެގައުމެއްގައި ހުންނަ އެމެރިކާގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓަށް އެމައުލޫމާތު ހިއްސާކުރުމަށް އެފްބީއައި އިން ވަނީ އެދިފަ އެވެ.