ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ދައުލަތުގެ ޑެފިސިޓް އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ކަމަށާއި މިކަމަކީ ދެމެހެއްޓޭނެ ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހުމަދު އަސްއަދު ރޭ ވިދާޅުވެއްޖެ އެވެ.


ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހާމަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބަޖެޓުގެ ތަފްސީލީ ޕުރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަމުން އަސްއަދު ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އާމްދަނީއަށް "ބިޒްނަޒް ޓެކްސް" (ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް)އިން ލިބެން ޖެހޭ އާމްދަނީ ނުލިބިއްޖެ ނަމަ ދައުލަތުގެ ޑެފިސިޓް 18 ޕަސެންޓަށް އުފުލިގެން ދާނެކަމަށެވެ.


"މިއީ އަޅުގަނޑުމެންނަށް ދެމެހެއްޓޭނެ ކަމެއް ނޫން. ދެން ވިސްނަން ޖެހޭނީ ފައިސާގެ އަގު ތިރިކުރުމަށް ނޫނީ އެހެން ގޮތްތަކެއް ހޯދުމަށް،" އަސްއަދު ވިދާޅުވި އެވެ.


ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން ކުރާ ހޭދަތަކަކީ ނަތީޖާ ފެންނަ ހޭދަތަކަކަށް ހެދުން ކަމަށާއި އެ ބަޖެޓަކީ އެމްޑީޕީގެ މެނިފެސްޓޯގެ އަމާޒުތައް ހާސިލްކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޕުރޮގްރާމް ބޭސްޑް ބަޖެޓެއް ކަމަށް އަސްއަދު ވިދާޅުވި އެވެ. ސަރުކާރުން އެކުލަވާލި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ސަރުކާރަށް ލިބޭ އާމްދަނީގެ މައްޗަށް ބަލައި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުން ކަމުގައި ފާހަގަ ކުރައްވަމުން އަސްއަދު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުގެ ޑެފިސިޓް ކުޑަކުރުން ކަމަށެވެ.


ފާއިތުވި ތިން އަހަރު ދުވަހަށް ބެލި ކަމުގައި ވިއަސް ސަރުކާރަށް ލިބޭ އެއްޗަކުން ސަރުކާރުގެ އާންމު ހަރަދުތައް (ރިކަރެންޓް ހަރަދުތައް) ފޫނުބެއްދޭ ކަމަށާއި ސަރުކާރުގެ ހަރަދުތައް ދިއައީ އަހަރަކު ބިލިއަނަކުން ބޮޑުވަމުން ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ސަބަބެއް ކަމުގައި އައްސަދު ވިދާޅުވީ 2009 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދަތަކަށް ކުރިމަތިވި މާލީ ގޮންޖެހުން ކަމަށެވެ.


"ފެންނަފެނުމަށް ބަޔަކު ޒިންމާކުރާ ނަމަ މިހާރު ހުންނެވި މާލީ ވަޒީރަށް މިހާރު އޮތް ސަރުކާރަށް މިކަން ފޫޅުކަނޑާލުމަކީ ވަރަށް ފަސޭހަކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ 2009 ވަނަ އަހަރުގެ މެތުތެރެއިން ފެށިގެން ދުނިޔެއަށް އައި އިގްތިސާދީ ހީނަރުކަމަކީ މިގަރުނުގައި ވެސް މުޅިދުނިޔެ ދުށް އެންމެ ބޮޑު އިގްތިސާދީ ކާރީސާކަން، އެއީ ވަރަށް ބޮޑު ހީނަރުކަމެއް،" އައްސަދު ވިދާޅުވި އެވެ.


ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ޑެފިސިޓް އަހަރުން އަހަރަށް ދައްކުރުން ކަމަށާއި އަންނަ އަހަރު ދައުލަތުގެ ބަޖެޓް ޓެފިސިޓް އުޅޭނީ 15.3 ޕަސެންޓްގައި ކަމަށް އަސްއަދު ވިދާޅުވި އެވެ. އަދި އެއީ ޖީޑިޕީގެ ފަސް ޕަސެންޓުގައި ޑެފިސިޓް ބެހެއްޓުން ކަމަށް އަސްއަދު ވިދާޅުވި އެވެ.


އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ ލިބޭނެ އާ ގޮތްތަކެއް ހިމެނިފައި ނުވާނެ ކަމަށާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލް ކުރާނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކޮށްގެން ކަމަށް އަސްއަދު ފާހަގަ ކުރެއްވި އެވެ.


ނަމަވެސް އޭނާ ވިދާޅުވީ އަންނަ އަހަރު ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ލިބޭނީ ވިޔަފާރީގެ ފައިދާގެ ޓެކްސް އިން ކަމަށާއި އަދި ޓޫރިސްޓު ވިޔަފާރިތަކުން ނަގާ ޖީއެސްޓީ އިން ކަމަށެވެ.


އަސްއަދު ވިދާޅުވީ ވޭތުވެ ދިޔަތަނުގައި ގެންގުޅިފައި ވަނީ ފާލުން ނެއްޓިފައިވާ މާލީ ސިޔާސަތުތަކެއް ކަމަށާއި އެއާއެކު ފައިސާ އިތުރަށް ޖެހުމުގެ ސަބަބުން ކޮންމެ އަހަރަކު އެ ފައިސާ ސެންޓުރަލް ބޭންކަށް އަނބުރާ ދެއްކުމަށްޓަކައި ތިންސަތޭކަ މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށެވެ.


"މާޒީގައި އަޅުގަނޑުމެން ކޮށްފައި ހުރި ކަންތައްތަކެއްގެ ސަބަބުން އަޅުގަނޑުމެނަށް މިޖެހެނީ އޭގެ އަނގު މިއަދު ދައްކަން. އަހަރަކަށް ތިން ސަތޭކަ މިލިއަން ރުފިޔާ އަކީ ނުވަސްތޭކަ މިލިއަން ރުފިޔާ ނެރެވޭނެ އަދަދެއް،" އަސްއަދު ވިދާޅުވި އެވެ.


ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި އަތޮޅުތަކުގެ ތަރަށްގީއަށް ޓަކައި މިހާރަށް ވުރެ ބޮޑަށް ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަމަ މަގަށް އަޅުވަން ޖެހޭކަން އަސްއަދުގެ ޕުރެޒެންޓޭޝަންގައި ފާހަގަ ކުރެއްވި އެވެ.


އަންނަ އަހަރުގެ ބަޖެޓުން ހާސިލްކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންކަމުގެ ތެރޭގައި އަސްއަދު ފާހަގަ ކުރެއްވީ އާންމު ރައްޔިތުންނާއި ގައުމުގެ ފުދުންތެރިކަން އިތުރު ކުރުމާއި ގައުމީ އިގްތިސާދަށް ފައިދާ ލިބޭ މަސައްކަތްތަކަށް ހަރަދުކުރުމާއި އަދި ސަރުކާރުގެ އިސްރާފު މަދު ކުރުން ކަން ފާހަގަ ކުރަށްވައި އެންމެހާ ފަރާތްތަކަކުން ވެސް ބަޖެޓުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.


"އާމްދަނީގެ ވާހަކަ އަޅުގަނޑުމެންގެ ޝާއިރަކު ވަރަށް ރަނގަޅަށް ވިދާޅުވެފަ އެބައޮތް. އެ ޝާއިރުގެ ވާހަކަ އަކީ ލިބޭމިންވަރު ނިކަން ދަނެގެން. ދެން އަޅުގަނޑުމެން މިދައްކަނީ ހަރަދުގެ ވާހަކަ މިބޭނުންތައް ބަހާލައިގެން، ޑެފިސިޓްގެ ވާހަކަ ތިބޭނަމައީ ފިކުރުކޮށްގެން މި ބޭޒާރެއް ނުވެސް ވާނޭ. އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއް ނުވޭ ބޭޒާރު ވާކަށް. ބަޖެޓުގައި ހުރި ލަނޑުދަނޑިތައް ހާސިލްކުރުމަކީ އަހަރުމެން އެންމެންގެ ޒިންމާއެއް." އައްސަދު ވިދާޅުވި އެވެ.


އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގެ ޖުމްލަ އަކީ 12.37 ބިލިއަން ރުފިޔާ ކަމަށް ފިނޭސްއިން ނެރެފައިވާ ބަޖެޓް ފޮތުން ދައްކަ އެވެ. އަދި އެއީ ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއްކަން ވެސް އެ މައުލޫމާތުން އެނގެ އެވެ.