07 Dec 2013, 17:03
ރާއްޖޭގެ ބައެއް އަތޮޅުތަކަށް މިއަދާއި މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ( މެޓް) އިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ޔެލޯ އެލާޓްގައި ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ފާހަފަކޮށްފައި ވަނީ ތ. އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކެވެ. އަދި އެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާ ވަގުތަކީ މިއަދު މެންދުރު ފަހު 3.45 އިން ފެށިގެން މިރޭ 7.45 އާ ދެމެދުގެ ވަގުތެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައި ވެސް އާދަޔާ ހިލާފަށް ފެންބޮޑުވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ހިނގާފަ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހއ. އަތޮޅުގެ ތިން ރަށެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ވިއެވެ. އެފަހަރު ގެއްލުންވީ އެއަތޮޅު ހޯރަފުށްޓާއި ބާރަށާއި ހަނިމާދޫ އަށެވެ. ތިން ރަށުގެ ތެރެއިން ހޯރަފުށީގެ ބިމުގެ 80 ޕަސެންޓްގައި އެދުވަހު ފެންބޮޑުވި އެވެ.