07 Dec 2013, 16:24
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މިޑަފީލްޑަރު އަހްމަދު ނިޔާޒު (ނިޔާ) އެ ކްލަބްގައި އިތުރު ދެ އަހަރު ދުވަހު މަޑުކުރަން ނިންމައިފި އެވެ.
ރާއްޖޭގެ ޗެމްޕިއަން ނިއުއިން އެ ކްލަބްގެ ވެބްސައިޓްގައި ބުނެފައިވަނީ، ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނިޔާ، ކްލަބްގައި 2015 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރުމަށް ނިންމައި ކްލަބާއެކު އެއްބަސް ވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.
"ހުސްވި ސީޒަންގައި ނިޔާ ވަނީ، ކްލަބްގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފައި. އެގޮތުން އޭނާ ވަނީ، އޭއެފްސީ ކަޕްގެ ދެވަނަ ބުރުގައި މެލޭޝިއާގެ ސެލަންގޯއާ ދެކޮޅަށް ކުޅެ ނިއު މޮޅުވި މެޗުގައި ލަނޑެއް ކާމިބުކޮށް އަނެއް ލަނޑު ޖެހުމަށް އެސިސްޓް ކޮށްފައި،" ނިއުގެ ވެބްސައިޓްގައިވެ އެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު މިއަހަރު މުޅިން އަލަށް ލިބުނު އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ވަނީ، ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ސެޕްޓެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
މިދިޔަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު އެތެރޭގެ ހުރިހާ މުބާރާތްތައް ކާމިޔާބުކުރުމުގެ އިތުރުން އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި ނިއު އިން ވަނީ އަންނަ ސީޒަނަށް ކްލަބް ވަރުގަދަ ކުރުމަށްޓަކައި މިހާރުގެ ސްކޮޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން މުހައްމަދު އުމެއިރު (އުމޭ)އާއި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން އަހްމަދު އަބްދުﷲ (ލިލީ)ގެ ކޮންޓްރެކްޓް ވެސް ދެއަހަރު ދުވަހަށް އިތުރުކޮށްފަ އެވެ. އަދި މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ފޯވާޑް މުހުތާރު ނަސީރު (ޓޫކިލޯ) ވެސް ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައި އެ ކްލަބާ ގުޅިފަ އެވެ.
ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އަކްރަމް އަބްދުލްޣަނީ (އަކޫ)، މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން އަންނަ ސީޒަންގެ ނިޔަލަށް ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.