07 Dec 2013, 15:09
އައްޑޫ ސިޓީ ހިތަދޫ ފަޅުގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ ކުޑަ ދެ ކުއްޖަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 17 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށެވެ. އަދި އޭގެ ތެރެއިން އެއްކުއްޖަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އޮޕަރޭޝަންގައި ފުލުހުން އެތަނަށް ވަތްވަގުތު އެ ދެ ކުދިން ތިބީ ބަނގުރާ ކެއްކުމުގެ މަސައްކަތުގަ އެވެ. އަދި މި އޮޕަރޭޝަންގައި އެތަނުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި 20 ލިޓަރުގެ 2 ހަމާކާއި 10 ލިޓަރުގެ ހަމެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.
އެކުޑަދެކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންއަންނަ ކަމަށް ފުލުހުން ބުނެ އެވެ.