މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ)އިން ކުރިއަށްގެންދާ އެމްބީއޭ ޗެމްޕިއަންޝިޕް 2013ގެ ފުރަތަމަ މެޗުގައި އެލްކިޔު އަތުން ބީޖީ ސްޕޯޓްސް މޮޅުވިއިރު ދެވަނަ މެޗުގައި ކްލަބް އީގަލްސް ޔޫއެން ފްރެންޑްސް އަތުން ތަފާތު ބޮޑުކޮށް މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހުކުރު ދުވަހު ހަވީރު 4:00ގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި އެލްކިޔު ސްޕޯޓްސް ކްލަބު އަތުން ބީޖީ މޮޅުވީ 70-62 ޕޮއިންޓުންނެވެ. އެ މެޗުގައި ބީޖީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 14 ޕޮއިންޓް އެއްކުރި ޝިރުފާން ރުޝްދީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ޝިރުފާން އެވެ.
އިއްޔެގެ އެ މެޗުގައި އެލްކިއު ސްޕޯޓްސްއަށް އެންމެ ރަނގަޅަށް ކުޅުނީ، މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދި، މުހައްމަދު ޝިޔާޒް އެވެ. އޭނާ ވަނީ އެމެޗުގައި އެލްކިއުއަށް 19 ޕޮއިންޓް ހޯދައިދީފަ އެވެ.

ހުކުރު ދުވަހުގެ ރޭ 8:30ގައި ކުޅުނު މި މުބާރާތުގެ ދެވަނަ މެޗުގައި ޔޫއެން ފްރެންޑްސް އަތުން އީގަލްސް މޮޅުވީ، 35 ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގައި ޔޫއެންސް ފްރެންޑްސް އަށް 56 ޕޮއިންޓް ހަމަ ކުރެވުނުއިރު އީގަލްސްއިން ވަނީ، 91 ޕޮއިންޓް ހަމަކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އީގަލްސްގެ ހުސައިން ހަލީމް އެވެ. އެ މެޗުގައި އީގަލްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 18 ޕޮއިންޓް އެއްކުރި ޒަކަރިއްޔާ އަބްދުއްލަތީފް އެވެ. އަދި ޔޫއެން ފްރެންޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 18 ޕޮއިންޓް އެއްކުރި ހަސަން ފާރިޝް އެވެ.

މި މަހުގެ ހަޔަކުން 31ގެ ނިޔަލަށް ކުރިއަށް ގެންދާ އެމްބީއޭ ޗެމްޕިއަންޝިޕްގައި މި އަހަރު ނުވަ ޓީމު ވާދަކުރެ އެވެ. އެއީ ބީޖީ، އެލްކިޔު، ޔޫއެން ފްރެންޑްސް، އީގަލްސްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ރެޑް ލައިން ކްލަބާއި ވީ ޔުނައިޓެޑާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާއި ހަރިކޭން ބާސްކެޓްބޯލް ކްލަބާއި އަދި ޔޫތު ސްޕޯޓްސް ކްލަބެވެ.
ސެމީ އަށް ހޮވޭ ޓީމުތައް ކަނޑައަޅާނީ ލީގު އުސޫލުން ދެބުރު ކުޅުމަށް ފަހު އެވެ. ލީގު ބުރުގެ އެއްވަނަ އާއި ދެވަނަ ވާދަކުރާ ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމަކަށް ޖެހޭނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ދެކޮޅަށް ދެވަނަ ސެމީގައި ވާދަކުރާށެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ހަވީރު 4:00ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ރެޑްލައިންއާއި ވީ ޔުނައިޓެޑް އެވެ. އަދި ރޭގަނޑު 8:30ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ޑީއެސްސީއާއި އެލްކިޔު އެވެ.