ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެގައުމުގެ މިނިވަންކަމުގެ ބަތަލު ނެލްސަން މަންޑޭލާ އަވަހާރަވުމުން ރާއްޖޭގެ ދެ ސިޔާސީ ޕާޓީއަކާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހިތާމަ ފާޅުކޮށްފި އެވެ.

އިއްޔެރޭ މަންޑޭލާ އަވަހާރަވުމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަންޑޭލާ އަވަހާރަވުމުން ލިބޭ ހިތާމަ ލަފުޒު ތަކަކުން ބަޔާން ނުކުރެވޭނެ ކަމަށެވެ. އަދި މިހިތާމައިގައި ދެކުނު އެފްރިކާގެ ރައްޔިތުންނާއި ހާއްސަކޮށް މަންޑޭލާގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

މަންޑޭލާ އަވަހާރަވުމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަންޑޭލާއަކީ އެތައް މިލިޔަން މީހުންނަކަށް ހިތްވަރު ލިބިދެއްވި ސަޚުޝިއްޔަތެއް ކަމަށެވެ. އަދި އޭނާ ހާސިލުކުރެއްވި ކަންތައްތަކުން އެތައް ބިލިޔަން މީހުންނަކަށް ހިއްވަރު ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ޕީޕީއެމްގެ ބަޔާނުގައި ވެސް މަންޑޭލާގެ އާއިލާއަށާއި ދެކުނު އެފްރިކާގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފައި ވެއެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރެސީގެ އުސޫލުން ދެކުނު އެފްރިކާގައި އިންތިހާބު ކުރި ފުރަތަމަ ރައީސްގެ ގޮތުގައި އޭނާ ދެއްކެވި ލީޑާޝިޕަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންތައްތަކާ ކުރިމަތިލުމާއި އިންސާފު ހޯދުމުގައި ނަމޫނާއެއް ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން މަންޑޭލާއަށް އަލްވަދާއު ކިޔަނީ ފުން ހިތާމައާ އެކުގައި ކަމަށް ބުނެފައި ވެއެވެ.

ނެލްސަން މަންޑޭލާ އަވަހާރަވުމުން މުޅި ދުނިޔޭގައި ވެސް ދަނީ އެކަމާ ހިތާމަ ފާޅުކުރަމުންނެވެ.