ދުނިޔޭގެ އެންމެ ނަންހިނގާ މޮބައިލްފޯނު ހަދާ ކުންފުނި އެޕަލް އިން އައި-ބީކަން ކިޔާ ޓެކްނޮލޮޖީއެއް ތައާރަފްކޮށްފިއެވެ. އައި-ބީކަން އަކީ އެޕަލްގެ ފިހާރައަކަށް ވަނުމަށް ފަހު އެކަސްޓަމަރަކަށް މަގުދައްކައިދީ މައުލޫމާތު ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ. އައި-ބީކަން އެޕްލިކޭޝަން އައިފޯނަށް އަޅައި، އެމީހެއްގެ ހަރަކާތްތައް ދެނެގަތުމުގެ ހުއްދަދިނުމުން ތަފާތު ވައްތަރުގެ މައުލޫމާތު އައި-ބީކަން މެދުވެރިކޮށް ފޯނަށް ފޮނުވައިދެ އެވެ.

މިސާލަކަށް، އައިފޯނެއް ހިފައިގެން އެޕަލްގެ ފިހާރައަކަށް މީހަކު އެމެރިކާގައި ވަދެއްޖެނަމަ، އެނާގެ ފޯނުއެންމެ ފަހުން އައުކޮށްފައި ވަނީ ކޮންއިރަކުތޯ އައި-ބީކަން ދެނެގަނެއެވެ. އަދި އޭނާ އަށް މޮބައިލްގެ ހިދުމަތްފޯރުކޮށްދޭ ފަރާތުން ދީފައިވާ މޮބައިލް ޕްލޭންއަށް ބިނާކޮށް އައު އައިފޯނަކަށް އަޕްގްރޭޑްކުރެވޭނީ ކިހާ ފައިސާއެއް ދައްކައިގެންތޯ އައި-ބީކަންއިން އެނާގެ ފޯނަށް ކިޔައިދެއެވެ. މީގެ މާނައަކީ ކަސްޓަމަރުން ފޯނު އައުކުރަން ބޭނުންވާ އަދަދު ހޯދުމަށް އެމީހުންގެ މޮބައިލްގެ ހިދުމަތްދޭ ފަރާތާ ގުޅައިގެން މަސައްކަތް ތަކެއް ކުރާކަށް ނުޖެހޭނެއެވެ.

އެޕަލްއިން އެމެރިކާގައި ގާއިމުކޮށްފައިވާ 254 ފިހާރައިގައި އައި-ބީކަން ބޭނުންކުރަންފެށީ އިއްޔެ އެވެ.

އޯޑަރެއް ދިނުމަށްފަހު ބަލައި ދިޔުމުން އެ އެތި ބަލައިދާންވީ ކޮން ކައުންޓަރަކަށް ކަން އެނާގެ ފޯނަށް އައި-ބީކަން ކިޔައިދެއެވެ. އެ އޯޑަރު ނަގަންދާ ކައުންޓަރުގައި ހުންނަ މީހާއަށް އައި-ބީކަން މައުލޫމާތު ދައްކާލުމުން ވަގުތުން، ފަސޭހަކަމާ އެކު އެ އޯޑަރު ލިބޭނެގޮތް މެދުވެރިވެގެންދެ އެވެ.

އެޕަލްއިން އައި-ބީކަން ބޭނުންކުރަން ގަސްތުކުރަނީ އެމީހުންގެ ފިހާރަ ތަކުގައި އެކަންޏެއް ނޫނެވެ. ކުރިޔަށް އޮތް ތާންގައި، ރޭލުތަކުގައި ދަތުރުކުރާ ފަސެންޖަރުންނަށް އެމީހުންގެ ރޭލު ލަސްވެއްޖެނަމަ އެ މައުލޫމާތު ވެސް އައި-ބީކަން މެދުވެރިކޮށް ލިބޭނެގޮތް ހެދިދާނެ އެވެ. އަދި ދާރުލްއާސާރު ތަކަށް ޒިޔާރަތްރުކުރުމުގައި އެތާ ބަހައްޓާފައި ހުންނަ އެއްޗެއްގެ ކުރިމައްޗަށް ހުއްޓުމުން އެ އެއްޗެއްގެ މައުލޫމާތު ވަގުތުން އެނާގެ ފޯނަށް ލިބިގެންދާ ގޮތަށް ވެސް ހެދިދާނެ އެވެ. އަދި ކަސްޓަމަރުން އައިސް އެންމެ ގިނަ އިރު ހޭދަކުރަނީ ކޮން ދިމާލެއްގައިތޯ ވެސް އެކި ވައްތަރު ވައްތަރުގެ އެއްޗެހި ވިއްކާ ފިހާރަތަކުގެ ވެރިންނަށް އައި-ބީކަން މެދުވެރިކޮށް ދެނެގަނެވުމުގެ ފުރުސަތު އޮންނާނެ އެވެ.

ނަމަވެސް ފިހާރަތަކުގައި ތިމަންނާ އުޅޭ ހިސާބު އެ ފިހާރައިގެ ވެރިފަރާތަށް ނުވަތަ އެހެން މީހަކަށް ވެސް އެނގެން ބޭނުންވާނެތޯ އެއީ އުފެދޭ ސުވާލެކެވެ. އެމީހުން އަޅާ ކޮންމެ ފިޔަވަޅެއް “ޓްރެކް” ކުރަން ގިނަ މީހުން އެއްބަސްވާނެ ތޯއެވެ؟

ޓެކްނޮލޮޖީ ދިރާސާކުރާ މީހެއް ކަމަށްވާ ރޮބާޓް އެންޑޭލް ބުނާގޮތުގައި“އެއްވެސް އައު ޓެކްނޮލޮޖީއެއް ބޭނުންކުރަން ފެށުމުގެ ކުރިން އޭތި ބޭނުންކުރެވިގެންދާނީ ކިހިނެއް ކަމެއް ނޭނގޭނެ. އެނގޭނީ ބޭނުންކުރަން ފެށީމާ.” ނަމަވެސް އޭނާ ބުނީ އެޕްލެއަކީ އައު ޓެކްނޮކޮޖީއަށް މީހުން އަހުލުވެރިކުރުވުމުގައި ވަރަށް ކުޅަދާނަ ކުންފުންޏެއް ކަމަށެވެ.


ރޮބާޓް އެންޑޭލް ބުނާގޮތުން އެޕަލްއިން އައި-ބީކަން ތައާރަފްކުރުމުން މޮބައިލްފޯނު ހަދާ އެހެނިހެން ބޮޑެތި ކުންފުނިތައް ކަމަށްވާ ގޫގުލް، މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުން އައި-ބީކަންއާ ވައްތަރު އެހެން ޓެކްނޮލޮޖީތައް ތައާރަފްކުރަން ފެށުމަކީ ގާތްކަމެކެވެ.

އެމެރިކާގައި މަޝްހޫރު ކުޅިވަރެއްކަމަށްވާ ބޭސްބޯލްގެ އެންމެ ބޮޑު ލީގުގައި އަންނަ އަހަރު އައި-ބީކަން މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް މޭޖާ ލީގް ބޭސްބޯލުން ވަނީ ރާވާފައެވެ. މެޗު ބަލަން ސްޓޭޑިއަމަށް ދާ މީހުންގެ ފޯނަށް “އެޓް ދަ ބޯލް ޕާކް” ކިޔާ އެޕްލިކޭޝަނެއް އެޅުމުން ސްޓޭޑިޔަމް އާއި މެޗާބެހޭގޮތުން މައުލޫމާތުތައް އެމީހުންގެ ފޯނަށް އަންނާނެއެވެ.

އެޕަލްއިން ވަނީ މީގެ އެއް ހަފްތާ ކުރިން މި އައި-ބީކަން ޓެކްނޮލޮޖީ ދަ އެސޯސިއޭޓަޑް ޕްރެސް ނޫހަށް ދައްކާލާފައެވެ. އެ ނޫހުން ބުނާގޮތުގައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ ފިފްތު އެވެނިއު ފިހާރައިގައި 20 އައި ބީކަން ޓްރާންސްމީޓަރު (އައި-ބީކަން ސިގްނަލް ދޫކުރާ ތަކެތި) ހަރުކޮށްފައި ހުއްޓެވެ. މީގެން ގިނަ ޓްރާންސްމިޓަރު ތަކަކީ އެޕަލްއިން ވިއްކާ އައިފޯނާއި އައިޕެޑެވެ. މި ތަކެއްޗަށް އައި-ބީކަން ޓްރާންސްމިޓަރަކަށް ވެވެނީ ސެޕްޓެމްބަރު މަހު އެޕަލްއިން ނެރުނު އައިއޯއެސް 7 ސޮފްޓްވެއާ މެދުވެރިކޮށެވެ. މި ޓްރާންސްމިޓަރު ތަކުން ބްލޫޓޫތު ޓެކްނުލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުން ތިބޭތަން ދެނެގަނެއެވެ. އަދި އެ ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއެވެ.

މި ބީކަންތަކުން މައުލޫމާތު ފޯރުކޮށްދޭ ދުރުމިން ބަދަލު ވެސް ކުރެ އެވެ. މިސާލަކަށް، ފިހާރައިގެ ކޮންމެ ތަނެއްގައި މީހަކު ހުއްޓަސް މައުލޫމާތު ދާގޮތަށް ވެސް ހެދިދާނެ އެވެ. ނޫނީ ގަންނަން ހިޔާރުކުރާ ވަކި އެއްޗެއް ކައިރިއަށް ދިއުމުން އެއާ ބެހޭ މައުލޫމާތު ތައް އޭނާއަށް ލިބޭ ގޮތަށް ވެސް ހެދެއެވެ. އަދި މީގެ އިތުރުން ހާއްސަ ޕްރޮމޯޝަން ތަކާ ޑީލްތަކުގެ މައުލޫމާތު ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ.

އައި-ބީކަން އެޕްލިކޭޝަން މެދުވެރިކޮށް ތަކެއްޗަށް ފައިސާދައްކައި، އެއްޗެހި ސްކޭންކޮށް، ފިހާރައިގައި އުޅޭ މީހުންގެ އެހީއަށް އެދި، ބައެއް ތަކެތި ރިޒާވްކޮށް ވެސް ހެދެއެވެ.

ނަމަވެސް މީހުން ތިބޭ ތަން ދެނެގަންނަ މިފަދަ ޓެކްނޮލޮޖީ ތަކަކީ މީހުންގެ ޒާތީ ދިރިއުޅުމަށް އަރައިގަނެވޭ ކަންތައްތައް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. އެޕަލް އިން ބުނާގޮތުގައި އެމީހުންގެ ކަސްޓަމަރުން ފިހާރަތެރޭގައި ހަރަކާތްތެރިވާ ގޮތް ރެކޯޑުކޮށެއް ނަހަދައެވެ. އަދި މީހެއްގެ ހަރަކާތްތައް ބެލޭނީ އެމީހަކު އެކަމަށް އެއްބަސްވުމުން ކަމަށް އެޕަލްއިން ޔަގީންކަންދެ އެވެ.

ޒާތީ ދިރިއުޅުމަށް ލިބޭ އުނިކަމެއްގެ ގޮތުގައި އައި-ބީކަން ޓެކްނޮލޮޖީ ސިފަކުރެވުނަސް، މާހިރުން ބުނާގޮތުގައި ބޮޑެތި ކުންފުނިތަކުން ތިމާގެ ހަރަކާތްތައް ދެނެގަނެ ރެކޯޑުކޮށް ހެދުމަކީ މައްސަލައެއް ކަމަކަށް ގިނަމީހުން ނުދެކެއެވެ. އޭގެ ބަދަލުގައި ޑިސްކައުންޓެއް ލިބެނިކޮށް އެމީހުންނަށް ފުދެއެވެ.