07 Dec 2013, 14:13
އީރާނުގެ ނިއުކުލިއަރު މަޝްރޫއާ ބެހޭގޮތުން އެ ގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދުގައި އެއްބަސްވުމެއް ވެވިފައި ވަނިކޮށް، އީރާނަށް ދަތި ކުރުން ނުހުއްޓައި ކުރިޔަށް ގެންދާން ކެނެޑާ އާއި އިސްރާއީލު އެކަތިގަނޑަކަށް ވާން އެ ދެ ގައުމުން ނިންމައިފިއެވެ.
ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯން ބެއަރޑް ވިދާޅުވެފައި ވަނީ ނޮވެންބަރު 24 ވަނަ ދުވަހު އީރާނާއި ބޮޑެތި ބާރުތަކާ ދެމެދުގައި ވެވުނު އެއްބަސްވުމާ މެދު ކެނެޑާ ބަލަނީ ޝައްކުގެ ނަޒަރަކުން ކަމަށެވެ. އަދި އީރާނާ ދެކޮޅަށް އަޅައިފައި ވާ ދަތި ކުރުމުގެ އެއްވެސް ފިޔަވަޅަކަށް ކެނެޑާއިން ދުލެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ސީދާސާދާކޮށް ބުނަމާ ހިނގާ. ޝައްކު ނުވަތަ ޝުބުހާގެ ފައިދާ ލިބިގަތުމުގެ ހައްގު އީރާނަށް އޮތް ކަން އެ ގައުމަށް ސާބިތު ކޮށްދެވިފައެއް ނުވޭ." ބެއަރޑް ވިދާޅުވިއެވެ.
ކެނެޑާ އަކީ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އިސްރާއީލަށް އެއްވެސް ހިފެހެއްޓުމެއް ނެތި ތާއީދު ކުރާ އެއް ގައުމެވެ. ކެނެޑާގެ ބޮޑުވަޒީރު ސްޓީވެން ހާރޕަރ އަކީ އިސްރާއީލުގެ ކަނާތު ފިޔައިގެ ލީޑަރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ތަކުރާރުކޮށް ތާރީފު ކުރައްވާ ބޭފުޅެކެވެ. 2012 ވަނަ އަހަރު އަލިފުދާލުގައި ފަލަސްޠީނުގެ ސިޔާސީ ދަރަޖަ މަތި ކުރުމަށް ނެގުނު ވޯޓުގައި، ފަލަސްޠީނާ ދެކޮޅަށް ވޯޓު ދިން އެންމެ ނުވަތަ ގައުމުގެ ތެރޭގައި ވެސް ކެނެޑާ ހިމެނެއެވެ.
ބޮޑުވަޒީރު ހާރޕަރ ވަރަށް އަވަހަށް އިސްރާއީލަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން މި ދިޔަ ހަފުތާގެ އާދީއްތަ ދުވަހު ވަނީ އިއުލާން ކުރެވިފައެވެ. އެކަން އިއުލާން ކުރުމަށް ޓަކައި ބޭއްވުނު ހަފުލާގައި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ވީޑިއޯ މެސެޖެއް ދައްކައިފައި ވެއެވެ. އެ މެސެޖުގައި ނަތަންޔާހޫ ވަނީ "އަޅުގަނޑުގެ ގާތް އެކުވެރިޔާ ސްޓީވެން" މިހެން ވިދާޅުވެ ހާރޕަރއަށް ތާރީފު ކުރައްވައިފައެވެ. ކެނެޑާ އަކީ "އިސްރާއީލުގެ ދައުލަތާއި ޔަހޫދީންގެ ވަރަށް ގާތް، އުޚުއްވަތްތެރި އެކުވެރިއެއް" ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް އަޅައިފައި ވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދީ ދަމަހައްޓާން ކެނެޑާއިން ނިންމި ނިންމުމަކީ އިސްރާއީލުގެ ސިޔާސަތުތަކާ އެއްގޮތަށް ނިންމި ނިންމުމެކެވެ.
ކެނެޑާގެ ނިންމުމާ ގުޅިގެން، ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ސެންޓަރ ފޯރ އީޒްރައިލް އެންޑް ޖުވިޝް އެފެއަރޒް ގެ ސީއީއޯ ޝިމޯން ފޮޖެލް ވިދާޅުވެފައި ވަނީ ކެނެޑާގެ ނިންމުމަކީ "ވަރަށް ތަހުޒީބީ އަދި އުޞޫލުތަކުގެ މަތީގައި ބިނާ ކުރެވިފައި ވާ ނިންމުމެއް" ކަމަށެވެ. އަދި ކެނެޑާގެ ނިންމުމުގެ ސަބަބުން އިސްރާއީލުގެ އެހެން ހަލީފުން ވެސް "ހެޔޮ މަގުން" ދާން ހިތްވަރު ލިބޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ޝިމޯން ފޮޖެލް ވިދާޅުވެފައި ވަނީ ކެނެޑާގެ ނިންމުމަކީ "ހައްގާއި ބާތިލުގެ ތެރެއިން ހައްގު އިޚުތިޔާރު ކުރެއްވުން" ކަމަށާއި، "ޑިމޮކްރަސީ އާއި އަނިޔާވެރިކަމުގެ ތެރެއިން ޑިމޮކްރަސީ އިޚުތިޔާރު ކުރެއްވުން" ކަމަށެވެ.
އީރާނާ އެކު އިބްތިދާއީ އެއްބަސްވުމެއްގައި ސޮއި ކުރީ "ޕީފައިވް ޕްލަސް ވަން" ގެ ގައުމުތަކެވެ. ޕީފައިވް އަކީ ދުނިޔޭގެ ނިއުކުލިއަރު ބޮޑުބާރުތަކުގެ ގޮތުގައި ބެލެވޭ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޗައިނާ އާއި ރޫސީ ވިލާތެވެ. ޕީފައިވްގެ އިތުރުން ދެން އެއްބަސްވުމުގައި ސޮއި ކުރި ގައުމަކީ ޖަރުމަން ވިލާތެވެ. މި ގައުމުތަކުން އީރާނާ އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކުލިއަރު މަޝްރޫއު މަހުދޫދު ކުރެވޭނެއެވެ. އަދި އީރާނާ ދެކޮޅަށް މި ގައުމުތަކާއި، މި ގައުމުތަކުގެ ބާރުގައި ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުން އަޅައިފައި ވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދެވޭނެއެވެ.
އަލްޖަޒީރާއިން ބުނާ ގޮތުގައި، ކެނެޑާގެ ޚާރިޖީ ވަޒީރުގެ ބަސްދީގަތުމެއް ހޯދާން އެދި ޚާރިޖީ ވުޒާރާއަށް ގުޅުމުން ވުޒާރާގެ ފަރާތުން އިޝާރާތް ކޮށްފައި ވަނީ އީރާނުގެ މައްސަލައިގައި ޚާރިޖީ ވަޒީރުގެ ފަރާތްޕުޅުން ނެރެފައި ވާ ބަޔާނަކަށެވެ. "އީރާނުގެ ރައްޔިތުންނަށް މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުން ހައްގު ވެގެން ވޭ. އެހެން ނަމަވެސް އީރާނުގެ ވެރިކަން ކުރާ ފަރާތްތަކުން ނިއުކުލިއަރު މަޝްރޫއުތަކެއް ހިންގުމުގެ ސަބަބުން އެކަންކަން ވަނީ އެ ރައްޔިތުންނަށް ހާސިލު ނުވެފައި. އެކަންކަން ހާސިލު ވަންދެން، އީރާނާ ދެކޮޅަށް ކެނެޑާ ސަރުކާރުން އަޅައިފައި ވާ އިގުތިސާދީ ފިޔަވަޅުތައް ފުރިހަމަ ބާރާއެކު، ހަރުކަށިކަމާއެކު ދެމިއޮންނާނެ." އެ ބަޔާނުގައި ވެއެވެ.
އަލިފުދާލުން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން، ކެނެޑާއިން ވަނީ އެ ގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން އީރާނުން އެއްވެސް އެއްޗެއް ގަތުމާއި، އީރާނަށް އެއްވެސް އެއްޗެއް ވިއްކުމާއި،އީރާނުގެ އެއްވެސް މާލީ އިދާރާއަކާ އެކު އެއްވެސް ކަހަލަ މުއާމަލާތެއް ކުރުމަކީ ކެނެޑާގެ ގައުމީ އިޚްތިޞާޞުގެ ތެރޭގައި ހަރަކާތްތެރި ވާ އެންމެހައި ފަރާތްތަކަށް މަނާ ކުރެވިފައި ވާ ކަންކަމެވެ.