07 Dec 2013, 13:54
މިހާރު ކުރިއަށްދާ 24 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލުން ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ހަސަން ނާޒިމް ޖާގަ ހޯދިއިރު ފައިނަލްގެ ދެވަނަ ޖާގަ އަހުމަދު ހާމީދު ކަށަވަރުކޮށްފި އެވެ.
މާލޭ ކެރަމް ހޯލުގައި ރޭ ކުޅުނު ޕްރިމިއާ ޑިވިޝަން ފިރިހެން ސިންގަލްސް ސެމީ ފައިނަލްގެ ފުރަތަމަ މެޗު ހަސަން ނާޒިމް ކާމިޔާބުކުރީ ޝާފީ މުހައްމަދާއި ބައްދަލުކޮށް ސީދާ ދެސެޓުން ބަލިކޮށްގެނެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަކަށަވަރުކުރި އަހުމަދު ހާމިދު ސެމީ ފައިނަލްގައި ހުސެއިން އަލީގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ ވެސް ސީދާ ދެ ސެޓުން ހުސެއިން އަލީ ބަލިކޮށްގެންނެވެ.
ޕްރިމިއާ ޑިވިޝަން އަންހެން ސިންގަލްސް ފައިނަލުން ޖާގަކަށަވަރުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން އައިމިނަތު ނިފާޝާއާއި އަދި ފާތިމަތު ރަޔާނެވެ. އަންހެން ސިންގަލްސްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އައިމިނަތު ނިފާޝާ ކާމިޔާބުކުރީ އައިމިނަތު ވިދާދު، ސީދާ ދެސެޓުން ބަލިކޮށްގެނެވެ. ފައިނަލްގެ ދެވަނަ ޖާގަ ހައިރާންކުރަނިވި ގޮތަކަށް ކަށަވަރުކުރި ޖޫނިއާ ކުޅުންތެރިއެއް ކަމުގައިވާ ފާތިމަތު ރަޔާން ސެމީ ފައިނަލްގައި އައިމިނަތު ވިޝާމާގެ މައްޗަށް ކާމިޔާބު ހޯދައިފައިވަނީ ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ މިކްސްޑަބަލްސް ފައިނަލުގައި ބައްދަލުކުރާނީ ހަސަން ނާޒިމާއި އައިޝަތު ފައިނާޒްގެ ޕެއާ އާއި ޝާފީ މުހައްމަދާއި އައިމިނަތު ވިދާދުގެ ޕެއާ އެވެ.
މެންދުރުފަހު 2:00ގައި ކުޅުމަށް ހަމަޖެހިފައިވާ ޕްރިމިއާ ޑިވިޝަން ފިރިހެން ޑަބަލްސް ފައިނަލްގައި ބައްދަލުކުރާނީ ހަސަން ނާޒިމާއި ހުސެއިން އަލީގެ ޕެއާ އާއި މުހައްމަދު ފަރީމާއި އަބުދުއްﷲ ލަބީދުގެ ޕެއާ އެވެ. ހަމަ އެގަޑީގައި ކުޅުމަށް ހަމަޖެހިފައިވާ ޕްރިމިއާ ޑިވިޝަން އަންހެން ޑަބަލްސް ފައިނަލްގައި ބައްދަލުކުރާނީ އައިޝަތު ފައިނާޒާއި ފާތިމަތު ރަޔާންގެ ޕެއާ އާއި އައިމިނަތު ނިފާޝާއާއި އައިމިނަތު ވިޝާމާގެ ޕެއާ އެވެ. ދެވަނަ ޑިވިޝަން ފިރިހެން ޑަބަލްސް ފައިނަލްގައި ބައްދަލުކުރާނީ މައްޔާޝް ލަތީފާއި ސާލިމް އަދުނާންގެ ޕެއާ އާއި އިބްރާހިމް ލިފާއު އާއި އުމަރު ޒިޔާދުގެ ޕެއާ އެވެ.
ޕްރިމިއަރ ޑިވިޝަން ފިރިހެން އަދި އަންހެން ސިންގަލްސްގެ ގަދަ އަށެއްގެ މަގާމުތައް ކަނޑައެޅުމަށް ކުޅޭ މެޗުތައް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ސެކަންޑް ޑިވިޝިންގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުވެސް އެގަޑީގައި ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. ސެކަންޑް ޑިވިޝަން ފިރިހެން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ މައްޔާޝް ލަތީފާއި އަބްދުﷲ ލިފާއު އެވެ.
ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގެ ފައިނަލްގައި މިރޭ 8:00 ގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް ގްރީން ސްޓްރީޓެވެ. ހަމަ އެގަޑީގައި ކުޅެވޭ އަންހެން ޓީމް އިވެންޓުގެ ފަހުމެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް ޕީކޭ އެވެ.