ރާއްޖެއިން ކޯޕަންހޭގަން މުއާހަދާގައި ސޮއިކުރީ "އެމެރިކާއަށް ވިކިފައި އޮތުމުން" ކަމަށް ދޭހަވާ ގޮތަށް ފެތުރެމުންދާ ޚަބަރުތައް ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.


މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ބޭއްވި މޫސުމީ ބޮޑު ސަމިޓުގައި އެކުލަވައިލި ކޯޕެންހޭގަން މުއާހަދާގައި ރާއްޖެއިން ސޮއިކުރީ އެމެރިކާއިން 50 މިލިއަން ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށް ދޭހަވާ ގޮތަށް ބައިނަލް އަގްވާމީ މަސްރަހުގައި ޚަބަރުތައް ފެތުރިފައި ވަނީ، އެމެރިކާގައި ހުންނަވާ ދިވެހި ސަފީރު އަބްދުލް ޣަފޫރު މުހައްމަދާއި އެމެރިކާގެ އިސް އޮފިޝަލުންތަކެއް ފެބްރުއަރީ 23، 2010 ގައި ބޭއްވި ބައްދަލުވުންތަކުގައި ދައްކާފައިވާ ވާހަކަތާ ހަވާލާދީ ވިކީލީކްސް އިން އާއްމުކޮށްފައިވާ ސިއްރު ލިޔެކިޔުންތަކާ ގުޅިގެންނެވެ.


އެ ޚަބަރުތަކަކީ ހަމަނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ފޮރިން މިނިސްޓްރީން މިއަދު ނެރެނު ބަޔާނުގައި ބުނަނީ، ރާއްޖެއިން އެ މުއާހަދާގައި ސޮއިކޮށްފައިވަނީ އެއްވެސް ޝަރުތަކާ ނުލައި، އަމިއްލަ އަށް ބޭނުން ވެގެން ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށްޓަކައި އެކަމާ ގުޅޭ ޑިޕްލޮމެޓިކް ލިޔެކިޔުންތައް ވެސް ފޮރިން މިނިސްޓްރީން ވަނީ މިއަދު އާއްމުކޮށްފަ އެވެ.


އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަފީރު އެމެރިކާ ސަރުކާރުގެ ފަރާތުން ފައިސާ ހޯދަން މަސައްކަތްކުރި ކަމަށް ބުނާ ބައްދަލުވުންތައް ބާއްވާފައި ވަނީ، ރާއްޖެއިން ކޯޕަންހޭގަން އެކޯޑުގައި ސޮއިކުރިތާ ދެމަހަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށެވެ. 


މުއާހަދާއާ ގުޅޭ މަޝްވަރާތައް ނިމުނުތާ މާ ގިނައިރުތަކެއް ނުވަނީސް، ރާއްޖެއިން އެއްވެސް ޝަރުތަކާ ނުލައި، އެ މުއާހަދާ އަށް ތާއީދުކުރާނެ ކަން ޑިސެމްބަރު 19، 2009 ގައި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީ) އަށް އަންގާފައިވާ ކަމަށް އެބަޔާނުގައި ވެއެވެ.


އާއްމުކުރި ލިޔެކިޔުންތަކުގެ ތެރޭގައި ރާއްޖެއިން ކޯޕަންހޭގަން މުއާހަދާ އަށް ސަޕޯޓްކޮށް ޔޫއެންއެފްސީސީގެ ސެކްރެޓަރީ ޖެނެރަލަށް ފޮނުއްވި ސިޓީފުޅު ފޮރިން މިނިސްޓްރީން އާއްމުކޮށްފައި ވެއެވެ.


އެ ސިޓީގެ އިތުރުން ހިލަރީ ކްލިންޓަން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަށް ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ފޮނުއްވި ސިޓީއެއް ވެސް މިއަދު އާންމުކޮށްފައިވެ އެވެ.


އެ ސިޓީގައި މިނިސްޓަރު ވަނީ، ކޯޕެންހޭގަން މުއާހަދާގެ ދަށުން މުއްސަނދި ގައުމުތަކުން ކުދި ގައުމުތަކަށް ދޭން އެއްބަސްވި 30 ބިލިއަން ޑޮލަރު ލިބޭނީ މުއާހަދާއަށް އަމަލުކުރަން ފެށުމުން ކަމަށް ވާތީ، އެކަން ވީހާވެސް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.


ކޯޕަންހޭގަން މުއާހަދާއަށް އަމަލުކުރުމަށް އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން 50 އަށް ވުރެ ގިނަ ސިޓީ އެކި ގައުމުތަކަށް ފޮނުވާ ފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގަ ވެއެވެ. އެހެންކަމުން، ކޯޕަންހޭގަން އެކޯޑުގައި ސޮއިކުރުމަށް އެމެރިކާއިން ރާއްޖެ އަށް ފައިސާ ދިންކަމަށް ބުނާ ވާހަކައަކީ ހަމަ ބުއްދި އަށް ގަބޫލު ނުކުރެވޭނެ ވާހަކަ އެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.


ލީކުކޮށްލާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުދި ގައުމުތަކަށް އެހީ ދެވޭނެ ރަނގަޅު ފްރޭމްވޯކެއް ކޯޕަންހޭގަން މުއާހަދާގައިވާކަން ފާހަގަކުރައްވައި، ރާއްޖެއިން ހިންގާ މޫސުމީ ކަންކަމާ ގުޅޭ މަޝްރޫއުތަކާ ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލު ޣަފޫރާ ސުވާލުކުރައްވާފައިވެއެވެ. އެ ސުވާލުގެ ޖަވާބުގައި ޣަފޫރު ވިދާޅުވެފައިވަނީ، ރަށްތަކުގެ ފަޅު ފުންކުރުމަށާއި، މޫދުގައި ތޮށި ލުން ފަދަ މަސައްކަތްތަކަށް ގާތްގަނޑަށް 50 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ. އެގޮތަށް ޣަފޫރު ވިދާޅުވުމުން، އެ މަޝްރޫއުތަކާ ގުޅޭ ހަރުދަނާ މިސާލުތައް ބަޔާންކޮށް، އެއަށް ކަނޑައެޅިގެން ހިނގާނެ ޚަރަދުތައް ހުށަހެޅުމަށް އެ އޮފިޝަލު ބާރުއެޅުއްވި ކަމަށް ވެސް އެ ޑޮކިއުމެންޓްތަކުގައި ވެއެވެ.


ކޯޕަންހޭގަން އެކޯޑްގައި ސޮއިކުރާނީ ފައިސާ ދިނުމުން ކަމަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަދައްކާފައި ނުވާ ނަމަވެސް،  މޫސުމީ ބަދަލުތަކުގެ ބަހުސްގައި ކުރީގައި އުޅޭ ރާއްޖެ ފަދަ ކުދި ގައުމުތަކަށް "އެކަށީގެންވާ އެހީ" ކުރިއަރާފައިވާ ގައުމުތަކުގެ ފަރާތުން ލިބޭ ނަމަ، އެހެން ގައުމުތަކުން ވެސް އެއްބަސްވާ ގޮތް އަވަސްވާނެ ކަމަށް ޣަފޫރު ވިދާޅުވެފައިވާ ކަމަށް އެ ލިޔެކިޔުމުން ހާމަވެ އެވެ.