07 Dec 2013, 13:07
ބްރެޒިލްގައި 2014 ވަނަ އަހަރު އޮންނަ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާއި ރަނަރަޕް ނެދަލޭންޑްސް އެއް ގްރޫޕަކަށް ލައްވައިލިއިރު އިނގިރޭސި ވިލާތާއި އެމެރިކާ ދެން އެންމެ ވަރުގަދަ ދެ ގްރޫޕްގައި ލައްވައިލައިފި އެވެ.
ހުކުރު ދުވަހުގެރޭ ބްރެޒިލްގައި އޮތް ވޯލްޑް ކަޕް ގުރު ނެގުމުގައި އެންމެ ވަރު ގަދަ ތިން ގްރޫޕްގެ (މަރުގެ ގްރޫޕް) ގޮތުގައި ފާހަގަ ކުރެވިފައިވަނީ، އިންގްލެންޑް، އިޓަލީ، އުރުގުއޭ އަދި ކޮސްޓާރިކާ ހިމެނޭ ގްރޫޕް ޑީ އާއި، ޖަރުމަނު، ޕޯޗްގަލް، ގާނާ އަދި އެމެރިކާ ލައްވަވައިލި ގްރޫޕް ޖީ އާއި ޗެމްޕިއަން ސްޕެއިން ނެދަލެންޑްސް، ޗިލީ އަދި އޮސްޓްރޭލިއާ ހިމެނޭ ގްރޫޕް ބީ އެވެ.
މުބާރާތުގެ އެހެނިހެން ގްރޫޕްތަކަށް ބަލާއިރު މުބާރާތް ބާއްވާ ގައުމު، ބްރެޒިލް ލައްވައިލި ގްރޫޕް އޭ ގައި ހިމެނެނީ، ކްރޮއޭޝިއާ، މެކްސިކޯ އަދި ކެމަރޫން އެވެ.
ގްރޫޕް ސީ ގައި ކޮލަމްބިއާ، ގްރީސް، އައިވަރީ ކޯސްޓް އަދި ޖަޕާން ލައްވައިލިއިރު، އެންމެ ފަސޭހަ ގްރޫޕެއް ކަމަށް ބެލެވެނީ، ފްރާންސް ލައްވައިލި ގްރޫޕް އީ އެވެ. އެގްރޫޕްގައި ހިމެނެނީ ސްވިޒަލެންޑް، އިކުއެޑޯ އަދި ހޮންޑޫރަސް އެވެ.
ލިއޮނަލް މެސީގެ އާޖެންޓީނާ އަށް ވެސް މިފަހަރު ގްރޫޕް ސްޓޭޖްގައި އެހާ ބޮޑު އުނދަގުލަކާ ކުރިމަތިލާން ނުޖެހިދާނެ އެވެ. އެގޮތުން އާޖެންޓީނާ ހިމެނޭ ގްރޫޕް އެފް ގައި ލައްވައިލީ، މުބާރާތަށް މުޅިން އަލަށް ކޮލިފައިވި ބޮސްނިއާ އާއި އީރާން އަދި ނައިޖީރިއާ އެވެ.
ގްރޫޕް އެޗްގައި ހިމެނޭ ޓީމުތަކަކީ، ކޮލަމްބިއާ އާއި އަލްޖީރިއާ، ރަޝިއާ އަދި ސައުތު ކޮރެއާ އެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ، ބްރެޒިލްއާއި ކްރޮއޭޝިއާ އެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ސައޮޕޯލޯ ސްޓޭޑިއަމްގަ އެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ޖޫން 13 ވަނަ ދުވަހު ބައްދަލުކުރާނީ، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާއި، ރަނަރަޕް ނެދަލެންޑްސް އެވެ. އަދި ގްރޫޕް ސީގެ ހުޅުވާ މެޗުގައި ކޮލަމްބިއާއާއި ގްރީސް ބައްދަލުކުރާއި ގްރޫޕް ޑީގެ ހުޅުވާ މެޗުގައި ޖޫން 14 ވަނަ ދުވަހު ކުޅޭނީ އުރުގުއޭ ކޮސްޓާރިކާ އެވެ.
ގްރޫޕް އީގެ ފުރަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ސްވިޒަލެންޑާއި އިކުއެޑޯ ކުޅެން ހަމަޖެހިފައިވާއިރު ހަމަ އެދުވަހު ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އާޖެންޓީނާއާއި ބޮސްނިއާ އެވެ. ޖޫން 16 ވަނަ ދުވަހު ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ޕޯޗްގަލްއާއި ޖަރުމަނު ވާދަކުރަން ޖެހޭއިރު ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ބެލްޖިއަމް ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.