އިންޑި އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެރި ބުރޫ ފިލައި އެގުޅުން އަލުން ރަނގަޅުވަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ މި މަހުގެ ފަހުކޮޅު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅާ އެކު ދެގައުމުގެ ގުޅުން ކުރިން އޮތް ވަރަށް ރަނގަޅުވެގެން ދާނެ ކަމަށެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ރައީސް ޔާމީނުގެ ދަތުރުފުޅާ އެކު ދެގައުމުގެ ގުޅުން ކުރިއެކޭ އެއްގޮތަށް އަލުން ރަނގަޅުވާނެ ކަމަށާއި އަންނަ ހަފުތާގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ ދަތުރުފުޅާ އެކު އެކަން ފެށޭނެ ކަމަށެވެ.

އެގޮތުން އިންޑިއާގައި އުފައްދާފައިވާ ސަވައިލެންސް ހެލިކޮޕިޓަރެއް ޑިފެންސް ނާޒިމުގެ ދަތުރުފުޅުގައި ރަސްމީކޮށް ރާއްޖެއާ ހަވާލުކުރުން އޮންނާނެ ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ. ނަމަވެސް އެވާހަކަ ބުނެފައި ވަނީ އިންޑިއާ ސަރުކާރުގެ އެއްވެސް އޮފިޝަލަކާ ހަވާލާ ނުދީ އެވެ.

އެ ނޫހުގައި އަދި ބުނެފައި ވަނީ އިންޑިއާ އިން ރާއްޖެއަށް ލޭންޑިން ކްރާފްޓެއް ހަދިޔާ ކުރުން ވެސް ޑިފެންސް މިނިސްޓަރު ނާޒިމު އިންޑިއާއަށް ވަޑައިގެންނެވުމުން އޮންނާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު ހުއްޓިފައިވާ މަޝްރޫއުތައް ރައީސް ޔާމީނުގެ ދަތުރުފުޅުގައި އަލުން ފެށުމާ ބެހޭ ގޮތުން ދެގައުމުން އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އައި ނަމަވެސް ރާއްޖެ އާއި މެދު އިންޑިއާގެ އޮތް ކަންބޮޑުވުންތައް ވެސް ރައީސް ޔާމީނަށް ހުށައަޅާނެ ކަމަށް ދަހިންދޫ ގައި ވެއެވެ. އެގޮތުން ޖީއެމްއާރް މައްސަލަ އާއި ޓާޓާ ހައުސިންއާއި ޓަޓުވާ ކުންފުންޏަށް ރާއްޖޭގައި ކުރިމަތިވި މައްސަލަތައް ހުށައަޅާނެ ކަމަށް އެ ނޫހުގައިވެ އެވެ.

ނަމަވެސް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީނުގެ ދަތުރުފުޅުގައި ޖީއެމްއާރު މައްސަލައާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރަން ހަމަޖެހިފައިވާ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ވެދާނެ ދިވެހި ސަރުކާރާ ސީދާ ޖީއެމްއާރާ އެފަދަ ވާހަކަތަކެއް ދައްކަނީ ކަމަށް. އިންޑިއާ ސަރުކާރުން އެފަދަ މަޝްވަރާއެއް ކުރަން ހަމަޖެހިފައި އޮތް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ޔާމީން އިންޑިއާ އަށް ވަޑައިގަންނަވާނީ، އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި، މި މަހުގެ 24 ވަނަ ދުވަހު އެވެ.