ޑޮލަރަށް ބާރުބޮޑުވެފައިވާ މިދުވަސްވަރުގައި ޑޮލަރު ހޯދާދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަ ފުލުހުންނަށް ހުށައަޅަމުންދާ މިންވަރު އިތުރުވަމުން އަންނާތީ ފައިސާދީގެން ޑޮލަރު ހޯދުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

މިއީ ސުކޫލް ބަންދު ދުވަސްވަރު ކަމުން ޗުއްޓީއަށާއި ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށްދާ މީހުން ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ޑޮލަރު ހޯދަން މަސައްކަތް ކުރާތީ ޑޮލަރަށް އޮތް ޑިމާންޑްވަނީ ބޮޑުވެފަ އެވެ.

ފުލުހުން ބުނީ މިދުވަސްވަރު ފުލުހުންނަށް ހުށައަޅާފައިވާ އެބާވަތުގެ މައްސަލަތަކުގެ ތެރޭގައި ޑޮލަރު ހޯދަދޭނެ ކަމަށް ބުނެ ފައިސާ އަތުލުލައި ޑޮލަރު ހޯދައިނުދީ އެ ފައިސާ އަނބުރާ އޭގެ ވެރިފަރާތަށް ރައްދުނުކޮށް އޮޅުވާލައިގެން ފައިސާ އަތުލައި ފިލާފައިވާ ގިނައަދަދެއްގެ މައްސަލަތަކެއް ހިމެނޭ ކަމަށެވެ.

"ޑޮލަރު ހޯދާދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން ޑޮލަރު ހޯދާދޭނެކަމަށް ބުނެ ފައިސާ ދިނުމަށް ގިނަ ފަހަރަށް އެދެމުން ދަނީ މަގުމަތިން އެކަނި ހިނގާފައިދާ މީހުން ކައިރިންކަން ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި މިފަދަ މީހުން އޮޅުވާލައިގެން ގިނަ ފަހަރަށް ފައިސާ އަތުލަމުން ދަނީ މަގުމަތިން އެކަނި ހިގާފައިއުޅޭ މީހުން އެމީހުންގެ ސައިކަލްގެ ފަހަތުގައި މީހުން މަދު ހިސާބުތަކަށް ގެންގޮސްގެން ކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހީލަތުން ފައިސާ ނަގަމުންދާ މީހުން ބައެއް މީހުންގެ އަތުން ފައިސާ އަތުލުމަށްފަހު ޑޮލަރު ހޯދަދިނުމަށްފަހު ގުޅާނެކަމަށް ބުނެ ފޯނު ނަންބަރުދީ ޑޮލަރު ގަނަންދޭ މީހުންގެ އިތުބާރުހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެމީހުން ގުޅާނެކަމަށް ބުނެ ދޭ ނަމްބަރުތައް ގިނަ ފަހަރު ނަގާފައި އޮންނަނީ ކޮންމެވެސް ބިދޭސީއިންގެ ނަންމަތީކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެގޮތަށް އޮޅުވާލާ މީހުންތިބެނީ "ވަރަށް ފޯރާ ފައިސާގެ ތަނަވަސްކަން ހުރި މިފަދަ ފައިސާގެ މުޢާމަލާތްތައް ޢާންމުކޮށް ކޮށްއުޅޭ މީހެއް ގޮތަށް ސިފަވާގޮތަށް ހެދުން އަޅައިގެން" ކަމަށް ފުލުހުންބުނެ އެވެ.

ފުލުހުން ބުނީ ޑޮލަރު ހޯދުމަށް ފައިސާދޭ އިރު ކާކުކަން ނޭންގޭ ފަރާތްތަކުގެ އަތައް ފައިސާ ނުދިނުމަށާއި އެފަދަ ފައިސާގެ މުއާމަލާތުތައް ކުރާއިރު އިތުބާރުހުރި ގޮތަކަން ކަންކަން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.