ޖޮހަނަސް ބާގް (ޑިސެމްބަރު 7) : ދެކުނުއެފްރިކާގެ ބާނީ އަދި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވުމުގެ ހިތާމައިގާ އެގައުމުގެ ރައްޔިތުންގެ އިތުރުން އެހެންގައުމުތަކުގެ ރައްޔިތުންނާއި ސަރުކާރުތައްވެސް ބައިވެރިވަމުން އެބަގެންދެ އެވެ.

ދެކުނުނއެފްރިކާގެ ރައްޔިތުންގެ ގިނަބަޔަކު މަންޑޭލާގެ އަވަހާރަވުމުގެ ހިތާމައިގާ އެއްވުންތައް ބާއްވައި އޭނާގެ ޚިދްމަތްތަކުގެ އަގުވަޒަންކުރަމުން ގެންދާ އިރު ދުނިޔޭގެ އެހެން ބައެއްގައުމުތަކުގެ ރައްޔިތުން ވެސް ގެންދަނީ މަންޑޭލާ އަށް އަލްވަދާޢު ކިޔުމުގެ ގޮތުން އެއްވުންތައް ބާއްވަމުންނެވެ. މަންޑޭލާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15ވާ އާދީއްތަ ދުވަހު އެވެ. މި ރަސްމިއްޔާތު އޮންނާނީ މަންޑޭލާ އުފަންވި އަދި ޅައިރުގެ ދުވަސްތައް ހޭދަކުރެއްވި ކޫނޫ ވިލެޖްގަ އެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި އިސްޝަޚްސިއްޔަތުތައް ވަނީ މަންޑޭލާ އަވަހާރަވުމަކީ ދުނިޔެއަށް ފޫނުބެއްދޭވަރުގެ ހިތާމައެއް ކަމަށް ސިފަކުރައްވައި މަންޑޭލާގެ ޢާއިލާއަށާއި ދެކުނުއެފްރިކާގެ ރައްޔިތުންނަށް ތަޢްޒިޔާ ވިދާޅުވެފަ އެވެ.
މަންޑޭލާއަކީ ދެކުނުއެފްރިކާ އަށް ހިޖްރަކޮށްގެންތިބި ޔޫރަޕްގެ ދޮން ނަސްލުގެ މީހުން އެގައުމުގައި ގާއިމްކުރި ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި އަދި ލާއިންސާނީ ނިޒާމް ފުނޑުފުނޑުކޮށްލައްވައި އެގައުމަށް މިނިވަންކަމާއި ޑިމޮކްރަސީއާއި އިންސާނީހައްގުތަކާއި ހަމަހަމަކަން ގެނަސް ގައުމު އަލުން ބިނާކުރެއްވި ގައުމީ ބަތަލެވެ. މަންޑޭލާއަކީ އޭނާގެ ފެންވަރުގެ އެހެން ލީޑަރަކު މިހާރު ދުނިޔޭގައި ނެތް އަދި މިފަހަކަށް އައިސް އުފެދިފައި ވެސް ނުވާ ފަދަ ހިއްވަރުގަދަ ކެތްތެރި އަދި ދުޝްމަނުންނަށް މަޢާފް ދިނުމުގެ ލާމަސީލު ނަމޫނާއެކެވެ.

އުމުރުފުޅުން 95 އަހަރުގައި މަންޑޭލާ އަވަހާރަވެފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ގެންދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އޮންނެވީ ޖޮހަނަސްބާގްގައި ހުންނަ އޭނާގެ ގެކޮޅުގަ އެވެ. އަވަހާރަވުމަށް ފަހު މިހާތަނަށް ވެސް ދެކުނުއެފްރިކާގެ ރައްޔިތުންގެ ގިނަބަޔަކު ގެންދަނީ އެގޭގެ ކައިރިއަށް އެއްވެ ހިތާމަފާޅުކުރަމުންނެވެ. ދެކުނުއެފްރިކާ އަށް ހިޖްރަކޮށްގެންތިބި ޔޫރަޕްގެ ދޮން މީހުން އެގައުމުގައި ގާއިމްކުރި ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި އަދި ލާއިންސާނީ ނިޒާމަށް އަޑިއަޑިން ތާއީދުކޮށް މަންޑޭލާއަކީ "ޓެރަރިސްޓެއް" ކަމަށް ސިފަކުރި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތައް ވެސް ވަނީ އެކަމާ މެދު ފަހުން ލަދުގަނެ މަންޑޭލާއަކީ އިންސާނިއްޔަތަށާއި އިންސާނީ ހައްގުތަކަށް އާދަޔާ ޚިލާފަށް ޚިދްމަތްކުރެއްވި ބަތަލެއް ކަމަށް ސިފަކޮށް މަންޑޭލާއަށް ތާރީފުގެ ބަސްތައް އިއްވާފަ އެވެ. މިގޮތުން މަންޑޭލާ އަވަހާރަވުމުގެ ހިތާމައިގާ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގެ ރަސްމީ ދިދަވެސް ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ. އަދި އދ. އާއި ބައިނަލްއަޤްވާމީ ގިނަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ދިދަވެސްވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.

މަންޑޭލާގެ ޖަނާޒާއަކީ މިފަހަކަށް އައިސް ދުނިޔޭގައި ނުބާއްވާ ވަރުގެ ބޮޑު ޖަނާޒާ ކަމަށް ވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. މިގޮތުން މަންޑޭލާގެ ޖަނާޒާގައި ދުނިޔޭގެ ސަތޭކައަށް ވުރެ ގިނަ ގައުމުތަކުގެ ލީޑަރުންގެ އިތުރުން ދުނިޔޭގައި ފާހަގަކޮށްލެވޭ އިސް ޝަޚްސިއްޔަތުތައް މިޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މަންޑޭލާ އުފަންވެވަޑައިގެންފައި ވަނީ 1918 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަދެކުނު އެފްރިކާގެ ޓްރާންސްކެއީގެ ކޯނޯ ވިލެޖްގަ އެވެ. ތަޢްލީމް ހާސިލް ކުރެއްވުމަށް ޓަކައި ސްކޫލަށް ވެދެވަޑައިގަތީ 1925 ވަނަ އަހަރުއެވެ. މަތީ ތަޢްލީމް ޙާސިލް ކުރުމަށް ޓަކައި ޔުނިވަރސިޓީއަށް ވަދެވަޑައިގެންނެވީ 1939 ގައެވެ. ނަސްލީ އިމްތިޔާޒާ އދިކޮޅު ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައި ވަނީ 1942 ވަނަ އަހަރުއެވެ. އިވެލީން ޓޯކޯ މާސޭއާ ނަމަކަށް ކިޔާ އަންހެންބޭފުޅަކާ ފުރަތަމަ ކައިވެނިކުރެއްވީ 1944 ވަނަ އަހަރު އެވެ. ނަސްލީ އިމްތިޔާޒުގެ ނިޒާމާ ދެކޮޅަށްމަދަނީ ބަސްނޭހުމުގެ ކެމްޕެއިން ފެއްޓެވީ 1952 ވަނައަހަރުގަ އެވެ. މިހަރަކާތްތަކާ ގުޅިގެންގައުމަށް ޚިޔާނާތްތެރިވިކަމުގެ ދައުވާ 1956 ވަނަ އަހަރު ދޮންމީހުން ގެ ސަރުކާރުން މަންޑޭލާގެ މައްޗަށް އުފުލިއެވެ.
އެއަށްފަހު 1961 ގައި އެފްރިކަން ނެޝަނަލް ކޮންގްރެސް ޙަރަކާތުގެ ހަތިޔާރު އެޅި ގްރޫޕް މަންޑޭލާ އުފެއްދެވިއެވެ. މިއާއެކު ނަސްލީ އިމްތިޔާޒުގެ އަނުޔާވެރި ނިޒމާދެކޮޅަށް ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަ ފެއްޓެވުމުންގައުމަށް ޚިޔާނާތްތެރިވުމުގެ ކުށުގައި ދޮންމީހުންގެ ސަރުކާރުން1964 ގައި މަންޑޭލާ އުމުރަށް ޖަލަށްލިއެވެ. މަންޑޭލާގެ ޖަލުގެ ދުވަސްތައް ފުރަތަމަ ހޭދަކުރެއްވީ އަނިޔާވެރި ކަމަށް މަޝްހޫރު ރޮބެން އައިލެންޑްގެ ޖަލުގައެވެ. އެއަށްފަހު1982 ގައި ރޮބެން އައިލެންޑް ޖަލުން ޕޯލްސްމޯ ޖަލަށް މަންޑޭލާ ބަދަލުކުރިއެވެ.

ދެކުނު އެފްރިކާގައި ދޮންމީހުން ގާއިމްކުރި ނަސްލީ އިމްތިޔާޒުގެ ކިއްލާ ދުނިޔޭގެ ފިއްތުންތަކާއި ހިސާރުގެ ފިޔަވަޅުތަކުގެ ސަބަބުން ރޫޅެމުން ދިޔުމާއެކު1990ގައި ދޮންމީހުންގެ ސަރުކާރުން މަންޑޭލާމިނިވަންކުރިއެވެ. މިއާއެކު މަންޑޭލާ ފެއްޓިވި "ޓްރުތް އެންޑް ރިކޮންސިލިއޭޝަން" ގެ ސުލްޙައިގެ މަސައްކަތްތަކުގެ ސަބަބުން1993 ވަނައަހަރު މަންޑޭލާއަށް ސުލްހައިގެ ނޯބެލް އިނާމު ލިބިވަޑައިގެންނެވިއެވެ.އެއަށްފަހު 1994 ދެކުނު އެފްރިކާގެ ހުރިހާ ނަސްލެއް ބައިވެރިވާގޮތަށް ފުރަތަމަ ފަހަރަށް ބޭއްވި މިނިވަން އިންތިޚާބު ކާމިޔާބުކުރައްވައިގެން މިނިވަން ދެކުނު އެފްރިކާގެ ފުރަތަމަ ރައީސަކަށް މަންޑޭލާ ވެވަޑައިގަތެވެ. ރިޔާސީ އެއްދައުރުފުރިހަމަކުރެއްވުމަށް ފަހު1999 ގައި މަންޑޭލާރައީސްކަން ދޫކުރައްވައި ގައުމުގެ ބައްޕަގެ ގޮތުގައި ހުންނެވުމަށް ނިންމެވިއެވެ.

އުމުރުން ދުވަސްވުމާ އަދި އާލަސްކަންފުޅާ ގުޅިގެން 2004 ވަނަ އަހަރު މަންޑޭލާ އާންމު ހަޔާތުން އެކަހެރިވެވަޑައިގެން އުޅުއްވަން ފެއްޓެވިއެވެ. އެންމެފަހުން އަވަހާރަވީ މިހިނގާ 2013 ވަނަ އަހަރުގ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. (ނޫސްއެޖެންސީތައް)