އޮޅުވެލި ރިސޯޓުން: އަހުމަދު މުޖުތަބާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެއްސި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ހަފްލާ ފަސްކުރަން ނިންމީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި، އެ ހަފްލާ ބޭއްވުމުގެ ހުރިހައި ތައްޔާރީތަކެއް ނިމި ހަފްލާ އަށް ދައުވަތު ދެވިފައިވާ ފަރާތްތަށް ވެސް ހާޒިރުވެ، އެވޯޑް ރަސްމިއްޔާތު ފެށުމަށް ހުރިހައި ތައްޔާރީތަކެއްވެ ނިމިފައިވަނިކޮށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ޓްރެވަލް އެވޯޑްސް އިވެންޓްގައި ބައިވެރިވުމަށް ހުކުރު ދުވަހުގެރޭ، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް 200 ވަރަކަށް މެހެމާނުން ހާޒިރުވާނޭ ކަމަށް، އިވެންޓް އޯގަނައިޒާ "ހައިރައިޒް"އިން ވަނީ ކުރިން ބުނެފަ އެވެ.

މަޓާޓޯ އިން މިރޭ ބުނީ، މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013 އަލުން ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނޭ ކަމަށެވެ.

މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓްރެވަލް ޓެކްނޯލޮޖީ، ސީއެސްއާރު އަދި މުޅިން އަލަށް އިތުރު ކުރެވުނު އެންޑް ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ. އެ ކެޓަގަރީތައް 23 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މިފަހަރު އަލަށް ތައާރަފް ކުރި ކެޓަގަރީތަކާ އެކު 23 ކެޓަގަރީއެއް ހިމެނޭ އިރު އެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 116000 މީހުން ވޯޓު ދީފައިވެ އެވެ.

ކުރީފަހަރާ ޚިލާފަށް މިފަހަރުގެ އެވޯޑަށް ކުރިމަތިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތައް ކަނޑައަޅާނީ އިންޓަނެޓްގެ ޒަރީއާއިން 40 އިންސައްތަ ވޯޓް، އަދި ބާކީ 60 އިންސައްތަ ވޯޓް މިނިވަން ޖަޖުންގެ ޕެނަލަކުން ދީގެންނެވެ.