ސަންޢާ (ޑިސެމްބަރު 6): ޔަމަންގެ ދިފާޢީ ވުޒާރާގެ ކައިރީގައި ގޮތްނޭނގޭ ބަޔަކު އެކި ފަހަރުމަތިން އިއްޔެ ދިން ހަމަލާތަކުގައި 53 މީހުން މަރުވެ 167 މީހުން ޒަޚަމްވެފައިވާ ކަމަށް ޔަމަން ސަރުކާރުން ބުނެފި އެވެ.

ޔަމަންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ ކޮމިޓީން ބުނީ ހަތިޔާރު އަޅައިގެން ތިބި ގޮތްނޭނގޭ ބަޔަކު ދިފާޢީ ވުޒާރާގެ ކައިރީގައި އިއްޔެ ހެނދުނުން ފެށިގެން ދެމުންގެން ދިޔަ ޙަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ 53 އަށް އަރާފައިވާ ކަމަށާ ޒަޚަމްވި މީހުންގެ ޢަދަދު 167 އަށް އަރާފައިވާ ކަމުގަ އެވެ. މިޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޔަމަން ސިފައިންގެ 30 މީހުންނާއި ހަނގުރާމަވެރިންގެ 20 މީހުން ހިމެނޭ ކަމަށް އެކޮމިޓީން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދިފާއީ ވުޒާރާގެ ކައިރީގައި ބަރު ހަތިޔާރުން ޙަމަލާތައް ދޭންފެށީ ސަންޢާގެ ވިޔަފާރިއާ ބެހޭ ވުޒާރާގެ ކައިރީގައިވާ ޢަސްކަރީ ހޮސްޕިޓަލަކަށް އަމާޒުކޮށް އިއްޔެ ހެނދުނުދިން ކާރުބޮމުގެ ޙަމަލާއަކަށް ފަހު އެވެ.

ޢަސްކަރީ ހޮސްޕިޓަލަށް އަމާޒުކޮށް ކާރުބޮމުގެ ޙަމަލާ ދިނީ ޔަމަންގެ ރައީސް އަބްދުރައްބު ހާދީ މަންސޫރުގެ ކޮށްކޮ އަކު އެ ހޮސްޕިޓަލުން ފަރުވާ ދެމުން ދިޔަ ވަގުތެއްގައި ކަމަށާ ހޮސްޕިޓަލަށް އަމާޒުކޮށްދިން ކާރުބޮމުގެ ޙަމަލާގައި އެތަނުގައިތިބި ބަލިމީހުންގެ ތެރެއިން ފަސް މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވި ކަމަށް ޔަމަންގެ ރަސްމީ ޓީވީ ބުނެއެވެ.

ޔަމަނުގެ ދިފާޢީ ވުޒާރާގެ ކައިރީގައި ހަނގުރާމަވެރި ބަޔަކު ދިން މިހަމަލާތަކާ ގުޅިގެން އެގައުމުގެ ރައީސް ޢަބްދުރައްބު މަންސޫރު ހާދީ ވަނީ މިކަމާ ބެހޭ ކުއްލި ތަހްޤީޤްތަކެއް ހިންގުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީން 24 ގަޑީއިރު ތެރޭގައި ތަހްގީގްތައް ނިންމައި އޭނާގެ އަތްޕުޅަށް އެކަމުގެ ރިޕޯޓް އެރުވުމަށް އެކޮމިޓީ އަށް އަމުރު ކުރައްވާފަ އެވެ.

މީގެއިތުރުން ރައީސް މަންސޫރު ހާދީ ވަނީ މިޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ހާލުބައްލަވާލެއްވުމަށް އެމީހުންތިބި ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފަ އެވެ. މިހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް މިއީ އަލްޤައިދާއާ ގުޅުން ހުރި ހަނގުރާމަވެރި ޖަމާޢަތެއްގެ ޙަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް ޔަމަން ސަރުކާރުން ބުނެ އެވެ. (އަލްޖަޒީރާ)