06 Dec 2013, 22:41
ޕެރިސް (ޑިސެމްބަރު 6): މެދުތެރޭ އެފްރިކާގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާ އަށް ފަރަންސޭސި ޢަސްކަރީ ބާރެއް ވަނުމުގެ ހުއްދަދޭ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމުން އެގައުމަށް ފުޅާ ދާއިރާއެއްގައި ވަދެގަތުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވިދާޅުވެއްޖެ އެވެ.
އޮލާންދް ވިދާޅުވީ ފަރަންސޭސި ކޮމާންޑޯސް އިންގެ މަދުއަދަދެއްގެ ބަޔަކު ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށާ ފުޅާދާއިރާއެއްގައި އެގައުމުގައި ވަދެގަތުމަށް މަސައްކަތް ކުރަމުންގެންދަނީ ހަނގުރާމަވެރިންގެ ޝިކާރައަކަށްވެފައިވާ އާންމުން ސަލާމަތް ކުރުމަށް ކަމުގަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރުގައި ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާއަށް ސުލްހަ ގެނަސް އެގައުމުގެ އާންމުން ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ އެފްރިކާގެ އިއްތިހާދުގެ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން ފަރަންސޭސި ޢަސްކަރީ ބާރެއް އެގައުމަށް ފޮނުވުމުގެ ހުއްދަ ފަރަންސޭސި ސަރުކާރަށް ދީފައިވެ އެވެ. މިގަރާރާ ގުޅިގެން ފަރަންސޭސި ދިފާޢީ ވުޒާރާ އިން ވަނީ ފަރަންސޭސި ކޮމާންޑޯސް އިންގެ ތެރޭގައި ހިމެނޭ ސިފައިންގެ އިތުރު ގްރޫޕެއް ބަރުހަތިޔާރާ އެކު ސެންޓްރަލް އެފްރިކާގެ ވެރިރަށް ބާންގީ ގައި ވަރަށް އަވަހަށް ރުކުރުވާލާނެކަން ހާމަކޮށްފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ސެންޓްރަލް އެފްރިކާގެ ވެރިރަށް ބާންގީގެ މިސްކިތަކުން އިއްޔެ ވަނީ ބަޑިޖަހައި މަރާލާފައިވާ 54 މީހެއްގެ ހަށިތައް ފެނިފަ އެވެ. އަދި އެމިސްކިތާ ކައިރީގައިވާ މަގުތަކުގެ ޕޭމަންޓްތަކުން ވެސް ބަޑިޖަހައި މަރާލާފައިވާ 25 މީހެއްގެ ހަށިތައް ފެނިފައިވާ ކަމަށް ޚަބަރުލިބެ އެވެ. ރިޕަބްލިކް އޮފް ސެންޓްރަލް އެފްރިކާގައި ދާޚިލީ ހަނގުރާމައާއި މީހުން މެރުމުގެ ހަރުކަށި ޢަމަލުތައް ފެށިފައި ވަނީ މިދިޔަ މާޗް މަހު، ހަތިޔާރުއެޅި ޖަމާއަތަކުން އެގައުމުގެ ރައީސް ފްރާންސްވާ ބޮޒިޒޭގެ ސަރުކާރު ވައްޓާލުމާ ގުޅިގެންނެވެ. އެއަށް ފަހު އެ ޖަމާއަތާއި ރައީސް ބޮޒިޒޭ އަށް ވަފާތެރި ސިފައިންނާ ދެމެދު އެގައުމުގައި ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. މިހަނގުރާމައިގެ ސަބަބުން އެގައުމުގެ އާންމުން ގިނަ އަދަދަކަށް މަރުވެ ރައްޔިތުން ދިރިއުޅެންޖެހިފައި ވަނީ ބިރުވެރިކަމާ އެކު ވަރަށް ދަތިހާލުގައި ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)