08 Dec 2010, 17:42
ވާދަވެރި ޕާޓީތައް ހިމެނޭ ޤާނޫނު ހަދާ މަޖިލީހެއްގައި ރަނގަޅު ބިލުތަކެއް އެކުލަވާލުމަށް އެކުވެރިކަމާއެކު މެމްބަރުންނަށް މަސައްކަތް ކުރެއްވޭނެ އުކުޅުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރުން މާދާމާ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމެރިކަން އެމްބަސީ އާއި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގުޅިގެން އިންތިޒާމްކުރާ ލެޖިސްލޭޓިވް ކެޕޭސިޓީ ބިލްޑިން ސެމިނާގައި މައުލޫމާތު ދެއްވާނީ އެމެރިކާގެ އޮރެގަން ސްޓޭޓް ލެޖިސްލޭޓަރުން ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދެ ތަޖުރިބާކާރުން ކަމުގައިވާ އޮރެގަންގެ ސެނެޓާ ޖެކްލިން ޑިންފެލްޑާ އާއި، ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަން އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވުމަށްޓަކައި 14 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޖެކްލިން އާއި ބެން މާދަމާ ބާއްވާ މަސައްކަތު ބައްދަލުވުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޮރެގަން ސްޓޭޓްގެ ސެނެޓާ ޖެކްލިން ވިދާޅުވީ، ލެޖިސްލޭޓަރުންގެ ގޮތުގައި އެދެބޭފުޅުން ކުރައްވާފައި ހުރި މަސައްކަތްތަކާއި އަދި ތަޖުރިބާ މަޖިލީހުގެ މެމްބަރުންނާއެކު ހިއްސާކުރައްވާނެ ކަމަށެވެ.
އެގޮތުން ޕާޓީ ލައިނުން އެއްކިބާވެ، ރަނގަޅު ބިލުތަކެއް އެކުލަވާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގައިގައި ކޮންމެހެން ހުންނަން ޖެހޭނެ ސިފަތަކާއި އަދި ތަފާތު ޚިޔާލުތައް ގެންގުޅޭ މެމްބަރުންގެ މެދުގައި މަޝްވަރާކޮށްގެން ބިލުތައް ފާސްކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މެމްބަރުންނާ ވާހަކަ ދައްކަވާނެ ކަމަށް ވެސް ޖެކްލިން ވިދާޅުވި އެވެ.
"ވާދަވެރި ޕާޓީތަކުގެ މެމްބަރުންނާ ގުޅިގެން މުހިންމު ބިލުތައް ފާސްކުރުމަށް އަހަރުމެން ކޮށްފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މާދަމާ މަޖިލިސް މެމްބަރުންނާ އެއްކޮށް ވާހަކަދައްކާނަން. އަދި އެ ޤާނޫނުތައް ވެރިކަން ހިންގާ ބާރުން ތަންފީޒުކުރުވާ، އެކަން މޮނީޓާ ކުރުމަށް ކޮށްފައި ހުރި މަސައްކަތްވެސް އަޅުގަނޑުމެން ހިއްސާކުރާނަން،" އޮރެގަން ސްޓޭޓް ސެނެޓްގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތަކާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ އިތުރުން، ސެނެޓްގެ ޖުޑީޝަރީ ކޮމިޓީގެވެސް މެމްބަރުކަން ކުރައްވާ ޖެކްލިން ވިދާޅުވި އެވެ.
އެމެރިކަން ސެންޓާގައި ބޭއްވި އެ ޕްރެސް ކޮންފަރެންސްގައި ބެން ކެނަން މިއަދު ވިދާޅުވީ، ޑިމޮކްރެސީއެއްގައި އޮންނަ ޤާނޫނީ ވެރިކަން ގާއިމްކުރުމަށްޓަކައި މުއައްސަސާތަކުގެ ފަރާތުން އަސްލު ފެންނަން ޖެހޭ ސިފަތަކާއި އާދަތައް ފެނުމަށްޓަކައި ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށެވެ. އެމެރިކާގެ ޤާނޫނު އަސާސީއަށް 230 އަށް ވުރެ ގިނަ އަހަރު ވެގެން ދިޔައިރު، އަދިވެސް އެތަނުގެ ސިސްޓަމް އެންމެ ރަގަޅު ނުކުރެވޭ ކަމަށް ކެނަން ވިދާޅުވި އެވެ. އެހެންކަމުން ރާއްޖެއިން ވެސް ސިސްޓަމް ހަރުދަނާ ކުރުމަށް ވަގުތު ދިނުން މިހުންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އުއްމީދުކުރަން ރާއްޖެއިން މި އެކްސްޕެރިމެންޓަށް [މަލްޓިޕާޓީ ޑިމޮކްރެޓިކް ސިސްޓަމަށް] ވަގުތު ދޭނެ ކަމަށް، މި ސިސްޓަމް އެހެނިހެން ސިސްޓަމްތަކަށް ވުރެ ރަނގަޅު ކަން ސާބިތުކުރުމަށް" އޮރެގަން ސްޓޭޓްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ތިމާވެއްޓާއި ފެނާބެހޭ ކޮމިޓީގެ ޗެއާ ވިދާޅުވި އެވެ.
މިކަން އިންތިޒާމްކުރާ އެމްޑީއެންގެ ޕާލިމެންޓް ވޮޗް ޕްރޮޖެކްޓްގެ ކޯޑިނޭޓާ ނަޝީތު ތޯހާ ވިދާޅުވީ، މެމްބަރުންގެ ޝެޑިއުލް ހުރި ގޮތުން ބައެއް މެމްބަރުން ސެމިނާގައި ބައިވެރިވެވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް، ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެ ބައްދަލުވުމުން ލިބޭ މައުލޫމާތު "މެމްބަރުން ކޮންމެވެސް ވަރަކަށް ބަލައިގަންނާނެ ކަމަށް އުއްމީދުކުރައްވާ" ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ދައުވަތު އަރުވާފައިވާ ތިން ގަޑިއިރުގެ ސެމިނާ އޮންނާނީ މާދަމާ މެންދުރު 2:45 އިން ފެށިގެން ޓްރޭޑާސް ހޮޓެލްގަ އެވެ.