06 Dec 2013, 13:29
ބައެއް މީހުން އޭނާ ދަންނަނީ މަންޑޭލާގެ ގޮތުގަ އެވެ. އަނެއް ބަޔަކު އޭނާ ދަންނަނީ މަޑިބާގެ ގޮތުގަ އެވެ. އެއް ބަޔަކަށް އޭނާ އަކީ މިނިވަން ދެކުނު އެފްރިކާގެ ބާނީ އެވެ. އަނެއް ބަޔަކަށް އޭނާއަކީ ދެކުނު އެފްރިކާގައި އޭރު އޮތް ނަސްލީ ތަފާތުކުރުމުގެ ނިޒާމު ނައްތާލި ލީޑަރެވެ.
ގާތުން މަންޑޭލާގެ އަމަލުފުޅުތައް ބަލާ ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި މަންޑޭލާއަކީ އަބަދުވެސް ކަންކަމުގައި އިސްނެންގެވި ޝަހުސިއްޔަތެކެވެ. ބަހާއި އަމަލުން ސާބިތުކަން ދެއްކެވި ލީޑަރެކެވެ.
އޭރު އެފްރިކާގައި ބިކަކުރެވިފައި އޮތް އެފްރިކަން ނެޝަނަލް ކޮންގްރެސް ކޮޅަށް ޖަހާ، އެޕާޓީއަށް ދެކުނު އެފްރިކާގެ ވެރިކަން ހޯއްދަވައި ދެއްވި ނެލްސަން މަންޑޭލާގެ ކިބައިން އަބަދުވެސް ފެނިގެންދިޔައީ އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ލާމަސީލް މިސާލެކެވެ. އެއީ ޖަލުގެ ކުޑަ ގޮޅީގައި އިންނެވި 27 އަހަރުގެ ތެރޭގައިވެސް ފިލައިދިޔަ އިތުބާރެއް ނޫނެވެ.
މަންޑޭލާ ވިދާޅުވަނީ މަންޑޭލާއަކީ "އޭއެންސީގެ ލީޑާޝިޕްގެ ބައެއް" ކަމަށެވެ. އެހެން ނަމަވެސް، އެޖީލުގެ އެފްރިކާގެ އެންމެ ބާރުގަދަ ލީޑަރަކީ މަންޑޭލާ ކަމާ މެދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ.
މަންޑޭލާއަކީ ދުނިޔެއަށް މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ފެނިގެންދާ ޝަހްސެކެވެ. މިނިވަންކަމުގެ އިތުރުން، މައާފްކުރުމާއި އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ރަމްޒެކެވެ.
މަންޑޭލާގެ ހިތުގެ އެންމެ އަޑި ގަބޫލުކުރެއްވި ކަންތައް އެންމެ ސާފުކޮށް ފެނިގެންދަނީ 1964 ގައި ދެއްވާފައިވާ ތަގުރީރެއްގަ އެވެ.
"ދޮން މީހުން ކަޅު މީހުންގެ މައްޗަށް ބާރު ފޯރުވުމާ ދެކޮޅަށް އަހަރެއް ހަނގުރާމަކުރިން. އަދި ކަޅު މީހުން ދޮން މީހުންގެ މައްޗަށް ބާރުފޯރުވުމާ ދެކޮޅަށްވެސް އަހަރެއް ހަނގުރާމަކުރިން" މަންޑޭލާ ވިދާޅުވެފައިވެ އެވެ.
"އަހަރެން އެދޭ އެދުމަކީ، ޑެމޮކްރަޓިކް އަދި މިނިވަން މުޖުތަމައެއްގައި ހުރިހާ އެންމެން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ހަމަހަމަ ފުރުސަތުތަކެއް ލިބިގެން އުޅޭތަން ފެނުން. އެކަމަށްޓަކައި އަހަރެއް މަސައްކަތްކުރާނަން. އެކަން ހާސިލްކުރުމަށް އަހަރެން މަސައްކަތްކުރާނަން. ނަމަވެސް، މިހިޔާލަށްޓަކައި އަހަރެންގެ ފުރާނަ ނަގާލަން ޖެހުނަސް އެކަންވެސް ކުރަން މިހުރީ ތައްޔާރަށް"
1918 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ރޮލިލާލަ ދަލިބުންގާ މަންޑޭލާ އުޅެ ބޮޑުފުޅުވީ ދެކުނު އެފްރިކާގެ އިރުމަތީގައިވާ ޓްރެންސްކީގެ މްވެޒޯއޭ ކިޔުނު އަވަށުގަ އެވެ. މަންޑޭލާ ނިސްބަތްވެ ލައްވަނީ ތެމްބޫ ގަބީލާގެ މީހުންގެ ޝާހީ އާއިލާއަކާއި ތިމާގެ އާއިލާއަކަށެވެ. އާއިލާގައި 13 ބޭކަލުން ތިއްބަވަ އެވެ.
މަންޑޭލާގެ އުމުރުފުޅުން ނުވަ އަހަރުގައި ޓިއުބާކިއުލޯސިސް ޖެހިވަޑައިގެން ބައްޕާފުޅު އަވަހާރަވި އެވެ. ބައްޕާފުޅަށް ވުރެ މަންމާފުޅާ ގާތްކަމަށް ވިދާޅުވަމުން، ބައްޕާފުޅު ސިފަކުރައްވާފައި ވަނީ ހަރުކަށި މިޒާޖެއްގެ ސީރިއަސް ބޭފުޅެއްގެ ގޮތުގަ އެވެ. މަންޑޭލާ ވިދާޅުވެފައިވާ ގޮތުގައި ހަޔާތްޕުޅުގައި ފަހުން ކުރިމަތިވެވަޑައިގެން ކަންކަމުން އަރައިގަންނަން ބޭނުންވާ ކަންކަން ދަސްވެފައިވަނީ ބައްޕާފުޅުގެ ފަރާތުން ކަމަށެވެ.
ބައްޕާފުޅު އަވަހާރަވުމާއެކު މަންޑޭލާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ އެވެ.
ތެމްބޫގެ ޝާހީ އާއިލާއާ އެކު ދިރިއުޅުމަށް ޝާހީ ގެކޮޅަށް މަންޑޭލާ ފޮނުވާލެވުނެވެ. މިގެކޮޅުގައި މަންޑޭލާ ބައްޓަންކުރެވިގެން އައީ ލީޑަރަކަށް ވުމަށެވެ.
އޭގެ މާނައަކީ ރަނގަޅު ތައުލީމެއް ހޯދުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އެންމެ ފުރަތަމަ މަންޑޭލާ ކިޔަވާ ވިދާޅުވީ މެތޮޑިސްޓް ސްކޫލަކުން ނެވެ. މަންޑޭލާގެ ކުރިއަށް އަންނަ "ނެލަސަން" އަކީ މިސްކޫލުގައި މަންޑޭލާއަށް ދެވުނު ނަމެކެވެ.
އޭގެ ފަހުން 1939 ގައި ފޯޓް ހެއާ ޔުނިވާސިޓީއާ ގުޅިވަޑައިގަތެވެ. މިއީ އޭރު އެފްރިކާގެ ގައުމިއްޔަތުގެ ރޫހު އެންމެ ބޮޑަށް އޭރު އަށަގަނެފައިވާ އެއް ޔުނިވާސިޓީ ކަމުން، މަންޑޭލާގެ ގައުމިއްޔަތުގެ ރޫހު އަށަގަނެފައި ވަނީ މިޔުނިވާސިޓިއިން ނެވެ.
ފަހުން އޭއެންސީގެ ލީޑަރުގެ މަގާމަށް އިސްވި އޮލިވާ ތަމްބޯއާ މަންޑޭލާއާ ބައްދަލުވީ މިޔުނިވާސިޓީއިން ނެވެ. 1940 ގައި ދެބޭފުޅުންނަކީ ވެސް "ސިޔާސީ އެކްޓިވިސްޓުން" ކަމަށް ބުނެ ޔުނިވާސިޓީއިން ވަކިކުރެވުނެވެ.
އޭގެ އެތައް އަހަރެއް ފަހުން މަންޑޭލާއާއި ތަމްބޯ ގުޅިވަޑައިގެން ދެކުނު އެފްރިކާގެ އެންމެ ފުރަތަމަ ކަޅު މީހުންގެ ލޯ ފާމް އުފެއްދެވި އެވެ.
އެންމެ ފުރަތަމަ ގާނޫނީ ވަކީލެއްގެ ގޮތުން، އޭގެ ފަހުން އެކްޓިވިސްޓެއް އަދި ގެރިއްލާ ލީޑަރެއްގެ ގޮތުގައި މަންޑޭލާ އެފްރިކާގެ އޭރުގެ ސަރުކާރާ ކުރިމަތިލެއްވި އެވެ. މިކުރިމަތިލުންތަކުގެ ސަބަބުން އެފްރިކާ އަދި މަންޑޭލާ މުޅި ހަޔާތް ބަދަލުވެގެންދާނެ ކަމެއް އޭރު މަންޑޭލާއަކަށް އެނގިވަޑައެއް ނުގަންނަވާނެ އެވެ.
އެޕާތީޑް ސަރުކާރާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް އެންމެ ހޫނުވެގެން ދިޔައީ 1950 އަދި 1960 ގެ އަހަރުތަކުގަ އެވެ. އެފްރިކަން ނެޝަނަލިސްޓްސްއާއި ސައުތު އެފްރިކަން ކޮމިއުނިސްޓް ޕާޓީ ގުޅިގެން އެޕާތީޑް ސަރުކާރާ ދެކޮޅަށް ފެށި ހަނގުރާމަ ހޫނުވެ، ކުރިމަތިލުންތަކަކަށް ބަދަލުވެގެންދިޔަ އެވެ.
މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފެށުމާއެކު، ހަތިޔާރު ހިއްޕަވައިގެން މަންޑޭލާ ނިކުންނެވީ އެންމެ ކުރީ ސަފަށެވެ.
މިއާ އެކު، 1956 ގައި މަންޑޭލާ ހައްޔަރުކޮށް، މަންޑޭލާއާ ދެކޮޅަށް ގައުމަށް ހިޔާނާތްތެރިވުމުގެ ދައުވާ ކުރެވުނެވެ. ފަސް އަހަރަށް ދިގުދެމިގެންދިޔަ ޝަރީއަތްތަކަށް ފަހު މަންޑޭލާގެ ކުށެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ނަމަވެސް މިހާ ހިސާބަށް އައި އިރު، އޭއެންސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާ، އޭއެންސީ ވަނީ އުވާލެވިފަ އެވެ. އަދި މަންޑޭލާގެ ގާތް ރަހުމަތްތެރިޔާ އޮލިވާ ތަމްބޯ ހުންނެވީ އަމިއްލަފުޅަށް އަރުވާލެވިގެން އެފްރިކާއިން ބޭރުގަ އެވެ.
އޭގެ ފަހުން މަންޑޭލާ މަސައްކަތްކުރެއްވީ ޔޫރަޕުގެ އިސްތިއުމާރީ ބާރުތަކުގެ ކިބައިން އަލަށް މިނިވަން ވަމުން އައި އެފްރިކާގެ ގައުމުތަކުގެ ފަރާތުން އެހީތެރިކަން ހޯދުމަށެވެ. އަދި މިމަސައްކަތުގައި އިނގިރޭސިވިލާތަށް ވަޑައިގެން މަންޑޭލާ ތަމްބޯއާ ވެސް ބައްދަލުކުރެއްވި އެވެ.
އިނގިރޭސިވިލާތުން އެނބުރި ދެކުނު އެފްރިކާއަށް ވަޑައިގަތްތާ މާލަސްތަކެއް ނުވެ މަންޑޭލާ އަނެއްކާވެސް ހައްޔަރުކުރެވުނެވެ. މިފަހަރު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް މަންޑޭލާގެ މައްޗަށް އިއްވުނެވެ. އަދި ޖެހިގެން އައި އަހަރުތަކުގައި ތަފާތު ދައުވާތައް އުފައްދައިގެން ފަސް އަހަރު 27 އަހަރަށް ބަދަލު ކުރެވިގެން ދިޔަ އެވެ.
ރޮބެން އައިލެންޑުގައި ހުރި ޖަލުގައި ހޭދަކުރެއްވި 27 އަހަރުގެ ބޮޑު ބައެއްގައި އެރަށުގައި ހުންނަ ކުއެރީއެއްގައި މަންޑޭލާ މަސައްކަތްކުރެއްވި އެވެ. މިކުއެރީގައި ގާތެޅުމުގެ މަސައްކަތް ކުރެއްވި އިރު، ގަދަ ހޫނުގެ ސަބަބުން މަންޑޭލާގެ ލޯފުޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
http://news.bbcimg.co.uk/media/images/68169000/jpg/_68169235_bae4db50-c69c-45f9-9c10-cace4a789701.jpg
ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން ކޭޕް ޓައުންގެ ބޭރުގައި ހުންނަ ޕޯލްސްމުއާ ޖަލުގައި ހުންނެވި ދުވަސްވަރު މަންޑޭލާއަށް ޓިއުބާކިއުލޯސިސް ޖެހިވަޑައިގަތެވެ.
އެފްރިކާގެ އޭރުގެ ވެރިންނާ މަންޑޭލާއާ ދެމެދު ކުރެވުނު ފުރަތަމަ މަޝްވަރާތައް ކުރެވުނީ ވިކްޓާ ވާސްޓާ ޖަލުގެ ތޭރިތަކުގެ ފުރަގަހުގަ އެވެ.
ޖަލުގައި ހޭދަކުރައްވަން ޖެހުނު ދުވަސްތަކުގެ ސަބަބުން މަންޑޭލާގެ ޒުވާން ހަޔާތް ބޭކާރުވެގެންދިޔަ އެވެ. އާއިލީ ހަޔާތް ބަރުބާދުވެ، ބައެއް ދަރިންނާ އެކު އޮތް ގުޅުން ކުޑަވަގެން ދިޔަ އެވެ. މަންޑޭލާގެ ފުރަތަމަ ކައިވެނި ނިމިގެންދާނީ ވަރިއަކުން ނެވެ.
ނަމަވެސް މަންޑޭލާ ވިދާޅުވެފައި ވަނީ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި "ކަންކަމާ މެދު ވިސްނާ ފިކުރުކުރަން" ގިނަ ވަގުތުތަކެއް ލިބިގެންދިޔަ ކަމަށެވެ. އެދުވަސްތަކުންވެސް މަންޑޭލާ ބެއްލެވީ ރަނގަޅު ކަންތައް ކުރިއަށް ގެންނެވޭތޯ އެވެ. ލިބުނު ގެއްލުމާއި، އާއިލާ ރޫޅުން ފަދަ ހިތާމަތަކުގެ ވާހަކަ މާބޮޑަށް ދައްކަވާ ނުހައްދަވަ އެވެ.
ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަށް ފަހުވެސް މަންޑޭލާގެ އިއްސާނިއްޔަތުކަން ކެނޑިގެން ނުދެ އެވެ.
މިކަން އެންމެ ބޮޑަށް ސާފު ވަނީ ޖުހެނަސްބާގުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އޭއެންސީގެ ސަޕޯޓަރުންނާއި އެސަރަހައްދުތަކުގައި އުޅޭ ޒޫލޫ ދަރިކޮޅުގެ މީހުންނާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު މަންޑޭލާ ދެއްކެވި ވާހަކަފުޅުން ނެވެ.
އެހެން ލީޑަރެއް ނަމަ، ސިޔާސީ ގޮތުން އެންމެ ފައިދާވާނެ ގޮތަކަށް ވާނީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެކަން އެޅުވުމެވެ. އަދި އަމިއްލަ ސަޕޯޓަރުން ރައްކާތެރި ކުރުމެވެ.
ނަމަވެސް އެފަހަރު، މަންޑޭލާ ދެއްކެވި ވާހަކަފުޅު ދިޔައީ ދިމާ އިދިކޮޅަށެވެ.
"އޭއެންސީގެ މެމްބަރުން ވެސް ދަނީ މީހުން މަރަމުން. ހަގީގަތާ އަހަރުމެއް ކުރިމަތިލާން ޖެހޭނެ. ހަމަނުޖެހުން ހިންގުމުގައި އެހެނިހެން ޖަމާއަތްތަކެކޭ އެއްފަދައިން އަހަރުމެންގެ ސަޕޯޓަރުންވެސް ދަނީ ބައިވެރިވަމުން. މިނިވަންކަން ހޯދުމުގެ ނަމުގައި ކުށެއް ނެތް އާއްމުންތަކެއްގެ ފުރާނަ ނެތް ހަށިތަކެއްގެ މަތިން ހިނގިގެން ނުވާނެ،" މަންޑޭލާ ވިދާޅުވެފައިވެ އެވެ.
އޭއެންސީގެ ސަޕޯޓަރުންނާ މުހާތަބްކޮށް ދެއްކެވި މިވާހައަކީ އެސަޕޯޓަރުންނަށް އެހާ ކަމުދާނެ ވާހަކައެއް ނޫނެވެ. ނަމަވެސް އެސަޕޯޓަރުން މަންޑޭލާގެ ވާހަކަ އަޑުއަހާނެ ކަން އެނގޭތީވެ، ހަމަނުޖެހުންތައް ހައްލުކުރަން މަގުފަހިކުރަން މިވާހަކަ ދެއްކެވީ އެވެ.
އަމިއްލަފުޅަށް ޖަލުގައި ހޭދަކުރަންވަން ޖެހުނު ކަމާއި، ޖަލުގައި އެތައް އަނިޔާއެއް ލިބިގެންދިޔަ ކަމުގެ ވާހަކަތައް މަންޑޭލާ ނުދައްކަވަ އެވެ. އަބަދުވެސް ދައްކަވަނީ ދެކުނު އެފްރިކާގެ ރައްޔިތުންނަށް ލިބުނު އަނިޔާގެ ވާހަކަ އެވެ. މަންޑޭލާ ތަހައްމަލްކުރަންވަން ޖެހުނު ކަންކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރެއްވުމުންވެސް، ސުވާލު އަނބުރާލައްވަނީ ދެކުނު އެފްރިކާގެ ރައްޔިތުންނާ ދިމާލަށެވެ.
އެ "ހިޔާލަކަށްޓަކައި ފުރާނައިން ގުރުބާންވާން ވެސް ތައްޔާރަށް ހުންނެވި" ކަމަށް މަންޑޭލާ ވިދާޅުވި ހިޔާލު ހަގީގަތަކަށް ވެގެންދިޔައީ 1994 ވަނަ އަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ.
ދެކުނު އެފްރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް ފުރޭނިގެން އައުމާއެކު، އޭއެންސީއަށާއި މަންޑޭލާއަށް ލިބުނު ބޮޑު ކާމިޔާބު ހާމަވެގެންދިޔަ އެވެ.
ދެކުނު އެފްރިކާގެ ރައީސް ކަމުގެ ހުވާ ނެލްސަން މަންޑޭލާ ކުރެއްވެވީ އެއަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު އެވެ.
http://www.sun.mv/albums/l_21629.jpg
ވެރިކަމުގައި މަންޑޭލާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ހަމުގެ ކުލައިގެ ސަބަބުން ބައިބައިވެފައިވާ ދެކުނު އެފްރިކާ އެއްބައިވަންތަ ކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތެވެ.
މިގޮތުން ހަމުގެ ކުލައަށް، ނަސްލަކަށް ބެލުމެއް ނެތި ގާބިލް ބޭފުޅުންނަށް ކެބިނެޓްގެ މަގާމުތައް ދެއްވި އެވެ. އަދި ކުރީގެ ސަރުކާރުގެ އިސްވެރިންނާ އަމިއްލަފުޅަށް ބައްދަލުކުރައްވާ އެބޭފުޅުންނަށް މައާފް ދެއްވަވާ، އެއްބައިވަންތަ އެފްރިކާއަކަށް މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.
މަންޑޭލާ ވިދާޅުވެފައި ވަނީ "ކެރޭ މީހުންނަކީ ސުލްހައަށްޓަކައި މައާފްކުރުމަށް ފަސްނުޖެހޭ މީހުން" ކަމަށެވެ.
ބަހުން ވިދާޅުވި ވާހަކަފުޅު މަންޑޭލާ އަމަލުފުޅުން ދެއްކެވި އެވެ.
ދެކުނު އެފްރިކާގެ ފުރަތަމަ ކަޅު ރައީސް ވެރިކަމުގައި ހުންނެވީ އެންމެ ދައުރެކެވެ. ތާއީދު ނެތީއެއް ނޫނެވެ. އިތުރަށް ވެރިކަން ބޭނުންފުޅު ނުވީ އެވެ.
ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމުގެ ހިޔާލު ދުވަހަކުވެސް ގެންގުޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވި މަންޑޭލާގެ ސިޔާސީ ހަޔާތްޕުޅު ނިންމަވާލައްވާފައި ވަނީ 1999 ވަނަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު އެވެ.
ދޫކުރައްވާފައި ވަޑައިގެން ތަރިކައަކީ އެކަކު އަނެކަކަށް އަޅާލުމާއި، ހަމަހަމަކަން ގާއިމްކުރުމުގެ ފިލާވަޅުތަކެކެވެ.