06 Dec 2013, 13:34
ޕީޕީއެމް އެމްޑީއޭ ޖޭޕީ އަދި އަދާލަތު ގުޅިގެން އުފައްދާފައިވާ ކޯލިޝަނުގެ ފަރާތުން، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތ. ކިނބިދޫ ދާއިރާއަށް ކުރިމަތިލާން ނިންމަވައިފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނާ ރިޓަޔާޑް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު އެކަން އިއުލާން ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރެއްވުމަށްފަހު ދެން ފެންނާނީ ސިޔާސީ ދާއިރާއިން ކަމަށް ރިޔާޒު ވަނީ މީގެ ކުރިން ވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ޓިކެޓެއް ލިބޭނަމަ ކުރިމަތިލައްވާނެ ކަމަށް ރިޔާޒު ވަނީ މީޑިއާ ތަކުގައި ވިދާޅުވެފަ އެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި މިހާރު އޮތް 77 ދާއިރާގެ ބަދަލުގައި 85 ދާއިރާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި މަޖިލީހަށް އިތުރު ކުރާ ފަސް މެންބަރުން އިންތިހާބު ކުރަން ޖެހެނީ އައްޑޫ ސިޓީ އާއި ތ. އަތޮޅާއި އދ. އަތޮޅާއި މާލޭ ސިޓީގެ ހުޅުމާލޭ އާއި ހދ. އަތޮޅުންނެވެ. އަދި އެ ދާއިރާތަކަކީ މެންބަރުން އިތުރަށް އިންތިހާބު ކުރަން ޖެހޭ ވަރަށް އާބާދީ އިތުރުވެފައިވާ އަތޮޅުތަކެއް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.