06 Dec 2013, 03:26
ނަސްލީ ތަފާތުކުރުންތައް ނައްތާލެއްވި ދެކުނު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވެއްޖެ އެވެ. ނޯބަލް ޕީސް ޕްރައިޒް 1993 ވަނަ އަހަރު ލިބިވަޑައިގެންނެވި މަންޑޭލާ އަވަހާރަވީ އުމުރުފުޅުން 95 އަހަރުގަ އެވެ. މަންޑޭލާ އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް ހޮސްޕިޓަލުގައި ތިން މަސް ދުވަހު ފަރުވާ ހޯއްދެވުމަށްފަހު، އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ގޭގައި ބާއްވައިގެން ދެމުން ދަނިކޮށެވެ. މަންޑޭލާ އަވަހާރަވިކަން ދެކުނު އެފްރިކާގެ ކުރީގެ ގައުމީ ޓީވީ މެދުވެރިކޮށް އިއުލާންކުރެއްވި އެ ގައުމުގެ މިހާރުގެ ރައީސް ޖޭކޮބް ޒޫމާ ވިދާޅުވީ ގައުމުގެ އެންމެ އަގުހުރި ދަރި މިއަދު އެ ގައުމަށް ގެއްލިއްޖެ ކަމަށެވެ. "ނެލްސަން މަންޑޭލާ ވަނީ އަހަރެމެން އެންމެން އެކަތިގަނޑަކަށް ހަދައި އެކުވެރިކުރުވާފައި. އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރާނީ އަހަރެމެން އެންމެން އެކުގައި،" ޒޫމާގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ. ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މީހުން ކަޅު ނަސްލުގެ މީހުންގެ މައްޗަށް ހިންގި ނަސްލީ ތަފާތުކުރުން ނިމުމަކަށް ގެނެސް، އެ ގައުމުން ނަސްލީ ތަފާތުކުރުން ނައްތާލައި ހުރިހާ ނަސްލެއްގެ މީހުން ބައިވެރިވާ ޑިމޮކްރަޓިކް ވެރިކަމެއް ފުރަތަމަ ފަހަރަށް ގެންނެވީ މަންޑޭލާ އެވެ. އެ މަސައްކަތުގައި ހިނގައިދިޔަ ހަމަނުޖެހުން ގަދަ ބާރުން ވެރިކަން ބަދަލުކުރަން އުޅުނު ކަމަށް ބުނެ 1964 ވަނަ އަހަރު ވަނީ އުމުރަށް ޖަލަށް ވެސް ލާފަ އެވެ. ޖަލުގައި މަންޑޭލާ ވަނީ 27 އަހަރު ހޭދަ ކުރައްވާފަ އެވެ.