05 Dec 2013, 23:39
ސައްޚަނޫން ކޭޝް ކާޑުތަކެއް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ޕޮލިސް މީޑިއާ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ފްރޯޑް އެންޑް ފައިނޭޝިއަލް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ސަތީހު މިއަދު ވިދާޅުވީ މި ދެ ބިދޭސީން ހައްޔަރުކޮށްފައި ވަނީ ސައްޚަނޫން ކާޑުތަކެއް ބޭނުންކޮށްގެން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާފޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކުން ވިޔަފާރިކޮށްފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށެވެ.
އޭނާ ވިދަޅުވީ އެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ދެ މީހުން ރާއްޖެއިން ފުރައިގެން ސްރީލަންކާއަށްދާން ފްލައިޓް ނައްޓާލި ފަހުންކަމަށާއި، ފުލުހުންނަށް މައުލޫމާތު ލިބުމާއެކު އެ ދެމީހުން ސްރީލަންކާއަށް ދިއުމުގެ ކުރިން، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް އެ ދެމީހުންގެ މައުލޫމާތު ހިއްސާކޮށް، ޖެހިގެން އައި ފްލައިޓުން އެ ދެމީހުން ރާއްޖެ ގެނެސްފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފެނުނު ކާޑްތަކުގެ ބޭރުފުށުން އެ ދެމީހުންގެ ނަމުގައި ހަދާފައިވާ ކާޑްތަކެއްގެ ގޮތުގައި ފެންނަން ހުރިނަމަވެސް، ކާޑުތަކުގެ މެގްނެޓިކް ސްޓްރައިޕްގައިވާ މައުލޫމާތަކީ މުޅިން އެހެން ބައެއްގެ މައުލޫމާތުތަކެއްކަން ފާހަގަ ކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެ މީހުން އަތުން ފެނުނު ކާޑުތަކުގެ ތެރޭގައި މާސްޓަރ ކާޑާއި، ވިސާ ކްރެޑިޑް ކާޑު ހިމެނޭކަމަށް ސަތީހު ވިދާޅުވި އެވެ.
ސައްޚަނޫން ކާޑުތަކުގެ އިތުރުން ރާއްޖޭގެ ޑިއުޓީ ފްރީ އިން އެމީހުން ގަނެފައިވާކަމަށް ބެލޭވޭ އަގުބޮޑު ސެންޓް އާއި، އެކިއެކި ބްރޭންޑް ތަކުގެ އަތުކުރި ގަޑި އާއި ފޯނުފަދަ ތަކެތި އެމީހުންގެ އަތުން ފެނިފަވާ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ދެމީހުން ރާއްޖޭގެ ޑިއުޓީ ފްރީއިން 11،700 އެމެރިކާ ޑޮލަރުގެ ވިޔާފާރިކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުން އެ ދެމީހުންނަކީ މެލެޝިއާގެ ބަޔަކާއި ގުޅިގެން ރާއްޖެ އައިސް ރާއްޖޭގައި މިފަދަ ވިޔަފާރިކޮށް އުޅޭ ބައެއްކަމަށް ބެލެވޭކަމަށާއި އެގޮތުން މިދެމީހުންނަކީ މީގެ ކުރިންވެސް ރާއްޖެ އައިސްފައިވާ ދެމީހުންކަން ފާހަގަ ކުރެވޭކަމަށްވެސް ސަތީހު ވިދާޅުވިއެވެ.
އެ ދެ މީހުންގެ އިތުރުން ވެސް މެލެޝިއާގެ އިތުރު ބަޔަކު ރާއްޖެ އައިސް މިފަދަ ގޮތަކަށް ވިޔަފާރިތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.
http://www.youtube.com/watch?v=IcJgDC_XEQU