މާލޭގެ ޓްރެފިކް މައްސަލަތަކާއި މާލޭގެ މަގުމަތި ތަރުތީބު ކުރުމުގެ ކަންތައްތަކާ ބެހޭ ގޮތުން ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އަދި ފުލުހުން މަޝްވަރާކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ބައްދަލު ކުރެއްވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ޓެކްސީ ސެންޓަރުތައް ހިންގުމުގެ އުސޫލެއް ވަރަށް އަވަހަށް ނެރެ ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމަށް ވިދާޅުވި ކަމަށާއި އެ ކަމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެ އުސޫލު ހަމަޖެއްސުމުން ޚިދުމަތް ދޭ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ފާހަގަކުރައްވައި ޓްރާންސްޕޯޓް މިނިސްޓްރީން ޚިދުމަތްދިނުމުގައި ގިނަ ރައްޔިތުންގެ މަސްލަހަތު އޮންނަ ގޮތަށް އަބަދުވެސް ބައްލަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ޓްރާންސްޕޯޓް އެގްޒަމިނަރުން ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވިސްނަމުންދާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލާ ދެއްވައި ފުލުހުން ބުނީ ކަންކަން އިސްލާހުކޮށް ހައްލުކުރުމަށް ޓަކައި ފުލުހުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި މިއަދު ފުލުހުން ކުރަން ޖެހޭ މަސައްކަތްތައް ގިނަވެފައި ވަރަށް ބުރަކަމަށް ފާހަގަކުރެއްވި ކަމަށެވެ. އަދި ފުލުހުންގެ ޢަދަދަކީ ވެސް އެންމެ އެކަށީގެންވާ އަދަދަކަށް ނުވާތީ ހަމައެކަނި ފުލުހުން ބޭނުންކޮށްގެން އެންމެ ފުރިހަމައަށް ހައްލު ނުގެނެވިދާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދާ ހަވާލާ ދެއްވައި ފުލުހުން ބުނީ ޓްރެފިކް ލައިޓްތަކުގެ ތެރެއިން ބައެއް ލައިޓްތައް އެހެން ދިމަދިމާ އަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ޓްރެފިކް ކަންތައްތަކުގައި ޚާއްޞަ ސަމާލުކަމެއް ސްކޫލްތައް ހިމެނޭ ސަރަޙައްދުތަކާއި ސްޓޭޑިއަކް ފަދަ ތަންތަނަށް ދޭން ޖެހިފައިވާކަން ފާހަގަކުރައްވައި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުުުރުވެރިންނަށް ވިސްނަވައި މާލޭގެ ބައެއް ތަންތަނަކީ އިންޖީނުލީ އުޅަނދުފަހަރު ނުވަދެވޭ ފަދަ ތިމާވެށްޓާ ރައްޓެހި ތަންތަނަށް ހަދަންޖެހޭ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި ކަމަށެވެ.