އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކާ
52 ރަށު ކައުންސިލަކާއި 15 އަތޮޅު ކައުންސިލްގެ ޕްރައިމަރީ ޕީޕީއެމުން ބާއްވައިފި އެވެ.

ޕީޕީއެމްގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލް "ސަން"އަށް ވިދާޅުވީ އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅުމަށް ކުރިއަށް ގެންދާ ޕްރައިމެރީގައި މިހާތަނަށް ބާއްވާފައި ވަނީ 52 ރަށުގެ ރަށު ކައުންސިލް އިންތިހާބާއި އަދި 15 އަތޮޅެއްގެ އަތޮޅު ކައުންސިލް އިންތިހާބު ކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލް އިންތިހާބާއި މާލޭ ސިޓީ ވިލިމާފަންނު ދާއިރާގެ އިންތިހާބު ނިމިފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ފަރާތުން ކައުންސިލް އިތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމުގެ ގޮތުން ބާއްވާ ޕްރައިމެރީ އިއްޔެއިން ފެށިގެން ކުރިއަށް ދަނީ. ދެން ޕްރައިމެތީ މުޅިން ނިމޭނީ މާދަމާ ރޭ. އަޅުގަނޑުމެންގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުންގެ އަދަދު އަދި ދަންނަވަން ދަތި،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި އަދި ސިޓީ ކައުންސިލް ތަކުގައި ވާދަ ކުރާނީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ކަމަށެވެ. އެހެން ކަމުން ތަފާތު އެކި ދާއިރާތަކުން ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓުންގެ އަދަދު ދަންނަވަން ދަތި ކަމަށެވެ. އަދި އެ މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުންގެ ކަނޑައެޅުމުގެ އިންތިހާބު ޕީޕީއެމް ކުރިއަށް ގެންދާއިރު އިދިކޮޅު އެމްޑީޕީގެ ފަރާތުން ރަށު ކައުންސިލް ތަކާއި އަތޮޅުކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުގެ އިންތިހާބު މިހާރު ވަނީ ބާއްވައި ނިންމާފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން ނިންމާފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ރަށު ކައުންސިލް ތަކާއި އަތޮޅުކައުންސިލް ތަކާއި އަދި ސިޓީ ކައުންސިލް ތަކަށް ޖުމްލަ 1،118 މީހުން އިންތިހާބު ކުރަން ޖެހޭނެ އެވެ. އެއީ ރަށު ކައުންސިލްތަކަށް 975 މީހުންނާއި އަތޮޅު ކައުންސިލްތަކަށް 120 މީހުންގެ އިތުރުން މާލެ ސިޓީ ކައުންސިލަށް 11 މީހުންނާއި އައްޑޫ ސިޓީ ކައުންސިލަށް ހަ މީހުންނެވެ.