05 Dec 2013, 20:13
ޗައިނާއިން ރާއްޖެއަށް ދޭން އެއްބަސްވި 50 މިލިއަން ޔުއާން (8.2 މިލިއަން ޑޮލަރު)ގެ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
"އެގްރިމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން" އެގްރިމަންޓްގައި ސޮއި ކުރީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖެއިން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ޗައިނާއިން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޔޫ ހޮންގްޔާއޯ އެވެ.
އެ އެއްބަސްވުމުގެ ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އެއީ އިގްތިސާދީ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުންޏެވެ.
ޗައިނާއިން ރާއްޖެއަށް 8.2 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭނެ ކަމަށް ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހަށް ޗައިނާ ސަފީރު ކުރެއްވި ޒިޔާރަތެއްގަ އެވެ.