މި އަހަރުގެ ނޮވެމްބަރު މަހާ ހިސާބަށް 170 އަށް ވުރެ ގިނަ މީހުން ޑީޕޯޓް ކޮށްލާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

މިއަދު އެ ޑިޕާޓްމަންޓުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީ ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އެކިއެކި ކުށްކުށުގައި 173 ބިދޭސީން ރާއްޖެ އިން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި 3816 ބިދޭސީން އަމިއްލަ އަށް އެދިގެން ރަށަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

"މި އަހަރުގެ މިހާތަނާ ޑިޕޯޓްކޮށްލާފައިވާ މީހުންގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ކުށްތަކެއް ހިމެނޭ ބިދޭސީން ހިމެނޭ،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް ވައިގެ މަގު ބޭނުންކޮށްގެން ރާއްޖެ އައި 329 މީހަކު އެކިއެކި ސަބަބުތަކާ ހުރެ ރާއްޖެ އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލާފައިވާ ކަމަށާއި ފޮނުވާލި މީހުންގެ ތެރެއިން 184 މީހަކު ފޮނުވާލާފައި ވަނީ ވަގު ޕާސްޕޯޓު އަދި ވަގު ވިޒާ ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރަން އުޅެނިކޮށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އޮންލައިން ސިސްޓަމް މެދުވެރިކޮށް ރާއްޖެ އަށް މަސައްކަތު އަންނަ އަދި ރާއްޖޭގައި މަސައްކަތް ކުރަންއުޅޭ ބިދޭސީންނަށް ކޯޓާ އާއި އެމްޕްލޯއީމަންޓް އެޕްރޫވަލް އަދި ވޯކް ޕާމިޓް އަހަރު ދުވަހުގެ ތެރޭގައި 107،798 މީހަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި 25،262 އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކޮށްފައިވާ އިރު 21،735 ވޯކް ޕާމިޓް އާ ކޮށްފައިވާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.