05 Dec 2013, 18:13
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ ބޮޑު ނެޓް ވޯކެއް އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ނެޓް ވޯކުގެ އަތުލައިގަތީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާ ގުޅިގެން މިއަދު ފެށި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގެ ދަށުން މާލޭގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ނެޓް ވޯކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ގ.ފަހާގެ ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންފޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އަތުލައިގަނެވުނު މީހުންނާއި ތަކެއްޗާއި ބެހޭ ތަފްސީލުތައް ފަހުން ފުލުހުން ހާމަކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.