ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު 2830 ކެނޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރި މަތިލުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އެކޮމިޝަނުން ހުޅުވާލި ފުރުސަތު މިއަދު 4:00 އަށް ހަމަވެފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ރަށު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 2454 މީހުން ކަމަށާއި އަތޮޅު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 310 މީހުން ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އައްޑޫ ކައުންސިލަށް 29 މީހުން ކުރިމަތިލާފައިވާއިރު މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވަނީ 37 މީހުން ކަމަށްވެސް އިލެކްޝަނުން ބުންޏެވެ.


އިލެކްޝަނުން ބުނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ރަށްރަށުންނާއި މާލޭން އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް އޮމާންކަމާއެކު މިއަދު ހަވީރުގެ 4:00 ގެ ނިޔަލަށް ކުރިއަށް ދިޔަ ކަމަށެވެ.