ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިލަފުށި ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ހެވީލޯޑް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ތިލަފުށީ ކޯޕަރޭޝަނުން ދޮގުކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އިލްހާމް އިދުރީސް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައަކީ އަދި ލީގަލް ޓީމުން ބަލަމުން ގެންދާ މައްސަލައެއް ކަމަށާއި ބޯޑުން އެ މަސައްކަތާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާފައި ނުވާނެ ކަމަށެވެ. އަދި އެ ކުންފުންޏާ އެކު އެ މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު އެއްވެސް ގޮތަކަށް ބޯޑުން ނިންމާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއާ ބެހޭ ގޮތުން ބޯޑުން މިހާތަނަށް މަޝްވަރާކޮށްފައި ވަނީ ލީގަލް ޓީމުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތަކާ މެދު އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މަޝްރޫއު ކުރިއަށް ގެންދަންވީތޯ ވެސް އޭތި [އެ މަޝްރޫއު] ހުއްޓާލާނީތޯ ނުވަތަ އެއްބަސްވުން އުވާލާނީތޯ ވެސް ނިންމާފައެއް ނުވާނެ. އެހާހިސާބަކަށް ނުދޭ. އެހެންވެ އެއްވެސް ގޮތަކަށް އަދި ނުނިންމާ، ނަމަވެސް ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފަށް ވާހަކަަތައް ފަތުރަމުންދާތީ އެކަމާ ހިތާމަކުރަން،" އިލްހާމް ވިދާޅުވި އެވެ.

ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ހެވީލޯޑާ އެކު ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ބައެއް މީޑީއާތަކުގައި ހަގީގަތް އޮޅޭ ގޮތަށް ހަބަރު ފަތުރަމުން ގެންދާތީވެ އެކަން ކުށްވެރިކޮށް މިއަދު ތިލަފުށީ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ވެސް ބުނެފައި ވަނީ އެ މަޝްރޫއު ހެވީލޯޑާ އެކު ކުރިއަށް ގެންދިއުމަށް ނިންމައިފި ކަމަށް ބުނާ ވާހަކައަކީ ހަގީގަތާ ހިލާފު އެއްވެސް ބަރުދަނެއް ނެތް ވާހަކައެއް ކަމަށެވެ.

"ހަގީގަތް އޮޅުންނުފިލުވާ ޒިންމާދާރުކަން ކުޑަ ގޮތަކަށް މި ކޯޕަރޭޝަނާ ގުޅޭ ހަބަރުތައް ބައެއް މީޑިއާތަކުގައި އާއްމުކުރުމަކީ މި ކޯޕަރޭޝަނުން ހިތާމަކުރާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

ތިލަފުށިން 130 ހެކްޓަރު ބިން ހިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2011 ވަނަ އަހަރުގަ އެވެ. އެ މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 21 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް މެދުކަނޑާލާފައިވާ އިރު މިހާތަނަށް ހިއްކިފައި ވަނީ އެންމެ 30 ހެކްޓަރެވެ.

އެންޓި ކޮރަޕްޝަންސް ކޮމިޝަނުން އެ މަޝްރޫއު ހުއްޓުވާފައި ވަނީ ތިލަފުށި ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރުމުގައި އެކުންފުނީގެ ކުރީގެ މެމްބަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށް، ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ބޯޑު މެމްބަރުންތަކެއްގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ދައުވާކޮށްފަ އެވެ.

ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓާލައި އަލުން ބިޑުކޮށްގެން ބަޔަކާ ހަވާލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓީސީއެލް އަށް ވަނީ އަންގައިފަ އެވެ.