05 Dec 2013, 17:19
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރެއްވި ހުސައިން ޝާހިދު އިއްޔެ ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކަރެޓަރީ ކަމުގެ މަގާމަށް ޝާހިދު ހަމަޖެއްސިކަން އެފްއޭއެމްގެ އިސް އޮފިޝަލަކު ވަނީ "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޝާހިދު ހަމަޖައްސާފައި މި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި، މުހައްމަދު ހާނިމް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. މިއަދާ ހަމައަށް އެ އިދާރާގެ ހިންމުގެ މަސައްކަތް ކުރަށްވާފައި ވަނީ، ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ނާސިރު (ނާބެ) އެވެ.
ޝާހިދު މިއަދު ސަން އަށް ވިދާޅުވީ، އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ، އެފްއޭއެމްގެ ރައީސް އިލްހާމް އަޙްމަދުގެ އެދިލެއްވުމުގެ މަތިން ކަމަށާއި، އަދި އޭނާ އެ މަގާމުގައި ހުންނަވައިގެން އެންމެ އިސް ކަމެއް ދެއްވާނީ، އެ އިދާރާގެ މަސައްކަތްތައް ވީހާ ވެސް ރަނގަޅަށް ހަލުއިކޮށް ހިންގައި، ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ.
"މިހާރު ދުވަސްކޮޅެއް ވެއްޖެ އެފްއޭއެމްގެ ރައީސް މިކަމުގައި އަޅުގަނޑާ މަޝްވަރާ ކުރައްވާތާ. އިއްޔެ އަޅުގަނޑާ މަގާމު ހަވާލުކުރެއްވީ،" ކުރިން ލަފާޖު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ، އޭނާ އެ މަގާމާ ހަވާލުވީ ރާއްޖޭގެ ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވަން ބޭނުންފުޅުވާތީ ކަމަށާއި އަދި މަގާމުގެ ގޮތުން އެ ކަމަށް ދެއްވަންޖެހޭ ވަގުތު ފުރިހަމައަށް ދެއްވޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ، ލަހެއް ފަހެއް ނެތި، މިހާރު ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރަން. އަދި ކަމާގުޅޭ އެތެރޭގެ ފަރާތްތަކާއި ބޭރުގެ ފަރާތްތަކާއި ވެސް ގުޅުން އިތުރަށް ބަދަހިކޮށް އެފަރާތްތަކުގެ އެހީތެރިކަން ވެސް ހޯދައިގެން އިރާދަކުރެއްވިޔާ ވަރަށް އަވަހަށް މިތަނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭތޯ ބަލާނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އެފްއޭއެމްގައި މިވަގުތު މަސައްކަތް ކުރަން އޮތް "ޓީމު" ގޮވައިގެން އެކުވެރި ކަމާއެކު ގުޅިގެން ރަނގަޅަށް މަސައްކަތް ކުރެއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަށް އެބަ އޮތްކަމަށެވެ.