ހުސްނުވާ އާސަންދާގެ ހިދުމަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އިން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހުސްނުވާ އާސަންދާގެ ހިދުމަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އޭރުން ބޮޑެތި ބަލިތަކަށް ދަރުވާ ހޯދާ ފަރާތްތަކަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"ހުސްނުވާ އާސަންދައަކީ މިހާރު އެކިއެކި ބަލިބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އެބޭފުޅުންގެ ހިދުމަތައް މިހާރު ހުންނަ މިންވަރު ހުސްވެގެން ހިދުމަތް ނުލިބިދާ ދިއުމަށް ހުއްޓުމެއް އަންނާނެ. އަދި ހުސްނުވާ އާސަންދަ ތައާރަފް ވެގެންދާއިރުގައި ފުޅާ ދާއިރާގައި ތައާރްފަކުރެވި ދާއިމީ ބަލި ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ލުއި ލިބިގެންދާނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އާސަންދައަކީ މިހާތަނަށް ދައުލަތައް ބުރައަކަށް ވެފައިވާ އިރު އެކަން ހައްލުކުރާނީ ކިހިނެއްތޯ "ސަން" އިން ސުވާލުކުރުމުން އަމީން ވިދާޅުވީ ބަޖެޓަށް ބުރަހެލި ކަންކަން ހައްލުކުރުމަށް ޒަމާނީ ގޮތްތައް ބޭނުންކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށާއި އެގޮތުން އާސަންދައިގެ ހިދުމަތް ދިނުމަށް އިންޝުއަރެންސް ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންގާނެ ކަމަށެވެ. އެ އިސްހާލުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ބުރައެއް ނެތި ހިދުމަތް ލިބޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއްގެ ހިދުމަތް ދިނުން ކުރިއަށް އޮތް ތިން މަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތް ފެށިގެން ދާނީ އަތޮޅުތެރެއިން ކަމަށާއި އެކަންކަމުގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ކެންސަރުބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ކީމޯ ތެރަޕީގެ ހިދުމަތް ރާއްޖެ އިން ހަމަޖެހިގެންދާނެ ކަމަށާއި އަދި އެފަރުވާއަށް ކުރަން ޖެހޭ ހުރިހާ ހޭދައަކީ ސަރުކާރުގެ އިންޝުއަރެންސް ސުކީމުގެ ތެރެއިން ކުރެވޭ ހޭދައަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި ބޮޑެތި ބަލިތަކަށް ސުކުރީން ކުރުމުގެ ހިދުމަތް ކުރިއަށްއޮތް 100 ދުވަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ވިލިމާލެ ސިއްހީ މަރުކަޒު ކުރިއަށް ދެ މަސްތެރޭގައި ހޮސްޕިޓަލަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދިނުމުގެ އިދާރީ ކަންކަން ދަނީ ކުރަމުން ކަމަށާއި އެ ފައިސާ ދޫކުރާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.