05 Dec 2013, 15:30
ކ. މާފުށްޓާ މާލެއާ ދޭތެރޭ ދަތުރުކުރާ ފެރީގައި އެހެން ދޯންޏެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ދޯނީގައި ހުރި މީހަކު ބުނީ އެކްސިޑެންޓް ވެގެން އުޅޭ ކަމަށާއި ދޯންޏަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ސަންއާ ވާހަކަ ދައްކަމުން މަންޒަރު ދުށް މީހަކު ބުނީ މާފުށީ ފެރީގައި ޖެހުނީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި ބުނީ މުދާ އުފުލާ ދޯނި ފެރީގެ ކޮޅުފަސްކޮޅުގައި ޖެހި، ބޮޑު ތަނެއް ހަލާކުވެފައިވާ ކަމަށެވެ.
"ފެރީ ދޯނީގެ ކޮޅުފަސްކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި، މީހަކަށް ކަމެއް ވީކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.
ފުލުހުން ބުނީ މާފުށީ ފެރީއާއި މުދާ އުފުލާ ދޯންޏެއް ޖެހި ފެރީއަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ކަމެއް ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.