05 Dec 2013, 15:04
އޭ ލެވެލް ތިން މާއްދައިން ފާސްވެއްޖެނަމަ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން ކޮންމެ ދަރިވަރަކަށް ވެސް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓާ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ އިން ކުރާނެ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިފެށޭ އަހަރުން ފެށިގެން އޭ ލެވެލް އިން ތިން މާއްދާއިން ފާސްވެފައިވާ ކުދިންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ސަރުކާރުން ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"މެނިފެސްޓޯގައި މި އޮންނަނީ އޭލެވެލް ތިން މާއްދައިން ފާސް ވެއްޖެ ނަމަ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެ، ދިރާސީ އާ އަހަރު ފެއްޓޭއިރު އެމަސައްކަތް ފެއްޓޭނެ، އޭގެ މާނައަކީ އޭ ލެވެލްއިން ތިން މާއްދާއަށްވުރެ މަތިން ފާސްވެފައިވާ ކުދިންނަށް އެފުރުސަތު ލިބޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ކިޔެވުން ފެށޭއިރު ތަރުބަވީ ތައުލީމްތަކުގެ ތެރެއިން ކަރިކިއުލަމް އަށް ބަދަލުތަކެއް އަންނާނެކަމަށާއި އެގޮތުން ދީނާއި ގައުމިއްޔަތުގެ ބައި އެ ކަރިކިއުލަމްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ފަރުދީ ޒިންމާ ހިމެނޭގޮތަށް ހަރަކާތްތައް ހިންގޭނެ ކަމަށާއި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭއްވުންވާ ކުދިންނަށް އިތުރު ފަސް ސުކޫލެއްގައި ސްޕެޝަލް އެޑިއުކޭޝަން ދޭއިރު އަތޮޅު ތެރޭގައި ދެ ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ވެސް ޑރ. އައިޝަތު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ސުކޫލުތަކުގައި ކިޔެވުން ފެށޭ އިރު ކޮންމެ ސުކޫލެއްގައި ވެސް ގުރުއާން ޓީޗަރެއް ހުންނާނެކަމަށާއި އެކަމަށް ބޭނުންވަނީ 74 ޓީޗަރުން ކަމަށެވެ. އަދި އަންނަ އަހަރު ފެށޭއިރު އަރަބި މާއްދާ ވަކިވަކި ސްކޫލު ތަކުގައި ފެށޭތޯ މަސައްކަތް ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މާނައަކީ ކޮންމެ ސުކޫލެއްގެ ކޮންމެ ކުލާހެއްގައި އޮންނާނެއެކޭ ނޫން، ނަމަވެސް އަޅުގަނޑުމެން އެބަ ހުޅުވާލަން ފުރުސަތު އެކުދިންނަށް އެމާއްދާ (އަރަބި) ކިޔެވުމުގެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޕްރީ ސުކޫލުތައް މިހާރު ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގި ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން ބަދަލުވެގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.