05 Dec 2013, 14:33
ޓެކްސް ދައްކާ ފަރާތްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކޮށްފައިވާ ފަސް އަދަދުގެ ޓެކްސް ޕޭޔާ އައިޑެންޓިފިކޭޝަން (ޓިން) ހަތް އަދަދަށް ބަދަލުކޮށްފައިވާ ކަމަށް މީރާއިން މިއަދު ބުނެފި އެވެ.
މީރާއިން ބުނީ ކުރިން ބޭނުން ކުރަމުންއައި ޓިން އަށް ބަދަލު ގެނައީ، އެ އޮތޯރިޓީއަށް ޓެކްސް ދައްކާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އާ ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް އެ ސިސްޓަމް މެދުވެރިކޮށް ހިދުމަތްދޭން ފެށުމާ ގުޅިގެން ކަމަށެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް އެފަރާތްތަކުގެ ބަދަލު ގެނެވިފައިވާ ޓިންގެ މައުލޫމާތު ފޯރުކޮށްދިނުމަށް މީރާއިން މިހާރު މަސައްކަތް ފަށާފައިވާކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އައު ޓިންއާ އެކީ ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފެށިފައި މިވަނީ،" މީރާއިން ނެރުނު ބަޔާނެއްގައިވެއެވެ.
މީރާއިން ބުނީ އެ އޮތޯރިޓީގެ މުވައްޒަފުން މާލެއާއި ކުޅުދުއްފުށީ ސަރަހައްދުގައި ވިޔަފާރިކުރާ 2600 އަށްވުރެ ގިނަ ފަރާތްތަކަށް އެފަރާތްތަކުގެ އާ ޓިން ހިމެނޭ، ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެފަރާތެއްގެ އާ ޓިން ލިބިފައި ނުވާ ފަރާތްތަކުން މީރާއަށް ވަޑައިގަތުމުން ޓިން އަދި ސެޓްފިކެޓް ލިބޭނޭ އިންތިޒާމް ހަމަޖައްސާފައި ވާނޭ ކަމަށެވެ.
"އައު ޓިން ނުލިބިވާ ހުރިހާ ފަރާތްތަކުން ވެސް ލަސް ނުކުރަށްވައި މީރާއަށް ވަޑައިގެން އައު ޓިން ހިމެނޭ ސެޓްފިކެޓް ނެންގެވުމަށް އިލްތިމާސްކުރަން،" މީރާއިން ބުންޏެވެ.
މީރާއިން އިތުރަށް ބުނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރަން ޖެހޭނީ މިހާރު ދޫކުރާ އާ ޓިން ކަމަށާއިއ އަދި އެ އޮތޯރިޓީއާއެކު ކުރެވޭ ޓެކްސްގެ ހުރިހާ މުއާމަލާތެއްގައި ވެސް ބޭނުން ކުރަން ޖެހޭނީ އާ ޓިން ކަމަށެވެ.