ސަންޑަލޭންޑު އަތުން 3-4 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވިއިރު ހަލް ސިޓީ އަތުން 2-0 އިން މޮޅުވެ އާސެނަލް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ހަލް އަތުން ރޭ މޮޅުވެ 34 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އާސެނަލް އޮތްއިރު ސަންޑަލޭންޑް އަތުން ލިބުނު ކާމިޔާބާއެކު ޗެލްސީ އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ.

ސްޓޭޑިއަމް އޮފް ލައިޓްގައި ރޭ ކުޅުނު ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ވަގުތުތައް އައި ފޯރިގަދަ މެޗުގެ 14 ވަނަ މިނިޓްގައި ޗެލްސީގެ ގޯލް ހުޅުވައިލީ ސަންޑަލޭންޑް ޖޮޒީ އެލްޓިޑޯ އެވެ. އެޓީމުން ލަނޑުޖެހިތާ ތިން މިނިޓް ތެރޭގައި ޗެލްސީގެ ފްރޭންކް ލަމްޕާޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީއަށް މެޗުގެ ކުރި ހޯދައިދިނީ، 36 ވަނަ މިނިޓްގައި ބެލްޖިއަމް މިޑްފީލްޑަރު އެޑިން ހަޒާޑް އެވެ.

ފަހުހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭގައި ސަންޑަލޭންޑްގެ ކެޕްޓަން ޖޯން އޯޝެއާ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށް ދިން ނަމަވެސް، ޗެލްސީގެ ހަޒާޑްވަނީ، ދެވަނަ ފަހަރަށް އެޓީމަށް ކުރި ހޯދައިދީފަ އެވެ. ޗެލްސީ ކޮޅަށް މެޗު އެއްކޮށް އެނބުރުނީ، ސަންޑަލޭންޑްގެ ފިލް ބާޑްސްލީ އަތުން ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ. އެހެން ނަމަވެސް ބާޑްސްލީ ވަނީ، އޭގެ ދެ މިނިޓް ފަހުން ޗެލްސީގެ ގޯލަށް ލަނޑެއް ވައްދާލައި ނަތީޖާ 3-4އަށް ބަލަދުކޮށްފަ އެވެ.
http://www.sun.mv/albums/l_21622.jpg
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ހަލް ކޮޅަށް އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ ދެވަނަ މިނިޓްގައި އެޓީމުގެ ޑެންމާކް ފޯވާޑް ނިކޮލަސް ބެންޓްނާ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ދެވަނަ މިނިޓްގައި އާރޮން ރަމްސީ ތަނަ ވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ، ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ.
http://www.sun.mv/albums/l_21619.jpg
އިނގިރޭސި ލީގު ތާވަލުގެ ތިންވަނައިގައި 28 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީ 2-3 އިން ވެސްޓް ބްރޮމްއަތުން މޮޅުވެފައިވާއިރު ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލް ވަނީ ފަސޭހަ ކަމާއެކު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނޯވިޗް ބަލިކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ހަތަރު ލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. ނޯވިޗްގެ ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޯންސަން އެވެ.
http://www.sun.mv/albums/l_21621.jpg
ލީގު ތާވަލުގެ ހަވަނައިގައި 24 ޕޮއިންޓާއެކު އޮތް ޓޮޓެންހަމް ހޮސްޓްސްޕާ 3-2 އިން ފުލަމް އަތުން މޮޅުވިއިރު، ތާވަލްގެ ހަތް ވަނައިގައި 23 ޕޮއިންޓާއެކު އޮތް މިއުލާސަލްވަނީ 11 ވަނަގައި އޮތް ސުވާންސީ ސިޓީ އަތުން 3-0 އިން ބަލިވެފަ އެވެ.