ލޯކަލް ކައުންސިލް އިންތިޚާބްގައި ޑީއާރުޕީން މާލޭ ސިޓީއަށް ކުރިމަތިލައްވާ ނުވަ ކެނޑިޑޭޓެއްގެ ނަން ޑީއާރުޕީން އިޢުލާންކޮށްފި އެވެ.


ޑީއާރުޕީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާ އަށް މ. ކޮކާ ހަނދުވަރު، މުހަންމަދު ނިމާލު ވާދަކުރައްވާއިރު އޭނާ އާ އެދާއިރާ އިން އެމްޑީޕީން ވާދަކުރައްވަނީ މ. މާފަރުގޭ، މުހަންމަދު އައިމަން އިސްމާއީލް އެވެ. މާފަންނު އުތުރު ދާއިރާ އިން މ. މާކޯނި، ފާތުމަތު އަލިމަނިކު ޑީއާރުޕީން ކުރިމަތިލައްވާއިރު އެދާއިރާ އަށް އެމްޑީޕީން ވާދަކުރައްވަނީ މ. ސިސްކިން، އަހުމަދު ސަމާހު ރަޝީދެވެ.


ޑީއާރުޕީން ބޭއްވި ޕްރައިމަރީގައި ކުރީގެ ސަރުކާރުގެ މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ކަމާލުއްދީނާ ވާދަކުރައްވާ މައްޗަށްގޮޅީ ދެކުނު ދާއިރާ އިން ޑީއާރުޕީގެ ޓިކެޓް ހޯއްދެވި ފިލްމީ ތަރި މ. ލޮޓަސް، އައްސަދު ޝަރީފާ އެމްޑީޕީން ވާދަކުރައްވަނީ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކެވެ. މައްޗަންގޮޅީ އުތުރު ދާއިރާ އިން މ. ސިލްވަބީން، އަހުމަދު ނަސީމާ އެމްޑީޕީން ވާދަކުރައްވަނީ ފިލްމީ ތަރި ހަސަން އަފީފެވެ. ޑީއާރުޕީން ވިލިމާފަންނު ދާއިރާ އަށް ވާދަކުރައްވަނީ މ. ސީކުއީން، އަހުމަދު ހަމީދެވެ. އެމްޑީޕީން އޭނާ އާ އެދާއިރާ އިން ވާދަކުރައްވަނީ އަރުހަމް ހުސައިން އެވެ.


ގަލޮޅު އުތުރު ދާއިރާ އަށް ޑީއާރުޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ އެސްޓީއޯގެ ކުރީގެ ސީއީއޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ގ. އުފާ، އަހުމަދު މުހަންމަދެވެ. އެދާއިރާ އަށް އެމްޑީޕީން ވާދަކުރައްވަނީ ކުރީގެ މިސްޓާ މޯލްޑިވްސް ގ. ވަޑިނޮޅީގޭ މުހަންމަދު އަފްރާހެވެ. ޑީއާރުޕީގެ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓަކަށް ގ. ޗާންދަނީމާގޭ، އިބްރާހިމް ޝުޖާ (ކާޓިއުންސް ޝުޖާ) ހޮވިވަޑައިގެންފައިވާއިރު އެމްޑީޕީން އޭނާ އާ ވާދަކުރައްވަނީ ގ. ކިޔަވާގޭ، އަބްދުﷲ ޝަފީއު އެވެ.


ޑީއާރުޕީން ހެންވޭރު ދެކުނު ދާއިރާ އަށް ހޮވިވަޑައިގެންފައި ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މ. ރަންވިލާ، އުމަރު ޒާހިރެވެ. އެމްޑީޕީން އޭނާ އާ ވާދަކުރައްވަނީ ހ. ރުކުމާގޭ، މުހަންމަދު އަބްދުލް ކަރީމެވެ. ޑީއާރުޕީން މެދު ހެންވޭރު ދާއިރާ އަށް ގ. ލަންކާ، މުހަންމަދު ސަލީމް (ހޯރަފުށީ ސަލީމް) ވާދަކުރައްވާއިރު އެމްޑީޕީން އެ ދާއިރާ އަށް ވާދަކުރައްވަނީ ފިލްމީ ތަރި ލުފްޝާން ޝަކީބު (ލޫއްޕެ) އެވެ. ހުޅުހެންވޭރު ދާއިރާ އަށް ޑީއާރުޕީން ވާދަކުރައްވާނީ ދަފްތަރު އަހުމަދު ނިޒާމް (ކެލާ ނިޒާމް) އެވެ. އެ ދާއިރާގެ އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ހ. އިސްދޫ، މައިޒާން އަލިމަނިކެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޖެއިނާ އާދަމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ޑީއާރުޕީން ވާދަކުރައްވާ ކެނޑިޑޭޓުން ހޮވުމުގައި ޕްރައިމަރީސްއަކަށް ނުގޮސް ވެސް ބައެއް ކެނޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ދާއިރާތަކަކުން ކަމެއް ވިދާޅެއްނުވެ އެވެ.