05 Dec 2013, 13:14
ރާއްޖޭގެ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ"އިގެ ހަރަދު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ބޮޑު ކަމަށް ވޯލްޑްބޭންކުން ބުނެފި އެވެ.
ރާއްޖޭގެ މި އަހަރުގެ ތަރައްގީއާ ބެހޭ ގޮތުން އެބޭންކުން ނޮވެމްބަރު މަހުގެ 29 ގައި ނެރުނު ރިޕޯޓް "މޯލްޑިވްސް ޑިވެލޮޕްމެންޓަލް އަޕްޑޭޓް"ގައި ބުނެފައި ވަނީ އާސަންދަ އަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުމަކީ އެއީ މާލީ ގޮތުން ދެމެހެއްޓެނިވި ސްކީމަކަށް ނުވުން ކަމަށެވެ.
"ލިބޭ ހިދުމަތްތަކާއި ހިދުމަތުގެ ފެންވަރަށް ފާހަގަ ކޮށްލެވޭ ވަރުގެ ބަދަލުތަކެއް ނުގެނެސް ވެސް އެކަށީގެންވާ އަދަދެއް (ފައިސާ) ސަލާމަތް ކުރުމަކީ ހާސިލު ކުރެވިދާނެ ކަމެކެވެ. އެއީ ހިދުމަތްދޭ ފަރާތްތަކަށް އިތުރު އިނާޔަތްތައް ދެވޭ ގޮތަކަށް ސްކީމް އަލުން ޑިޒައިން ކޮށްގެންނެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓްގައިވެ އެވެ.
އާސަންދައަށް ހަރަދުވާ މިންވަރު މަދު ކުރުމަށް ކުރެވިދާނެ އިތުރު ކަންތައްތައް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޖެނެރިކް ޑްރަގްސް (ޓްރޭޑްމާކެއް ނުޖަހާ ވިއްކާ އަގުހެޔޮ ބޭސް) ގަނޑުކޮށް ގަންނަ ނަމަ ބޭހަށް ހިނގާ ހަރަދުން 200 މިލިޔަން ރުފިޔާ ސަލާމަތް ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
"ކޮލިޓީ ކޮންޓްރޯލް ކުރުން އިތުރުކޮށްގެން، ބޭސް ބޭނުންކުރާ މީހުންގެ އިތުބާރު އިތުރު ކުރެވޭނެ އެވެ،" ޖެނެރިކް ބޭސް ބޭނުން ކުރުމާ މެދު ރިޕޯޓްގައި ބުނެފައިވެ އެވެ.
ހަރަދުކުޑަކުރުމަށް ކުރެވިދާނެ އެހެން ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހިދުމަތްދޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހޭ ކަންތައްތައް މަދުކުރުމެވެ. އެގޮތުން ކެންސަރު ފަދަ ބަލިތަކުގައި ކުރާ ފޮލޯއަޕް ފަރުވާ (މައިގަނޑު ފަރުވާގެ ފަހުން ދޭ، ކީމޯ ތެރަޕީ ފަދަ ) ފަރުވާ ރާއްޖޭގައި ދެވޭނެ ގޮތް ހެދިދާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ވެސް އާސަންދައިގެ ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ވޯލްޑްބޭންކްގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އާސަންދައިގެ ހަރަދު ބޮޑު ކަމަށް ވޯލްޑްބޭންކުގެ މިދިޔަ އަހަރުގެ ރިޕޯޓްގައި ވެސް ބުނެފައިވެ އެވެ.