މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަށް އެހީވުމަށް ޔޫރަޕުގެ އިއްތިހާދު (އީޔޫ) އިން ހަތަރު މިލިއަން ޔޫރޯ (84 މިލިއަން ރުފިޔާ) އެހީއެއް ދިނުމަށް އެޕްރޫވްކޮށްފައިވާ ކަމަށް އެއިއްތިހާދުން ބުނެފި އެވެ.

އީޔޫގެ ކޮލޮމްބޯ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއިއްތިހާދަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް މަސައްކަތްތައް ފެށުނު ހިސާބުން ފެށިގެން މިކަމަށް ޓަކައި ތަފާތު އެހީތައް ވަމުން އަންނަ ޖަމާއަތެއް ކަމަށެވެ. އެ ގޮތުން މިހާތަނަށް 38 މިލިއަން ޔޫރޯގެ އެހީ އީޔޫ އިން އެކަމަށް ޓަކައި ރާއްޖެ އަށް ދީފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އީޔޫ އިން ބުނީ މިދިޔަ އަންގާރަ ދުވަހު އެޕްރޫވްކޮށްފައިވާ ހަތަރު މިލިއަން ޔޫރޯގެ އެހީ ދާނީ ރާއްޖޭގެ އެންމެ ދެކުނުގައިވާ ދެ އަތޮޅު ކަމަށްވާ އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫއުތަކަށް ކަމަށެވެ.

މިހާރު އީޔޫ އިން އެހީވަމުންދާ މަޝްރޫއުތަކަކީ ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުގެ ޕާޓްނާޝިޕެއްގެ ދަށުން ހިންގަމުންދާ މަޝްރޫއުތަކެކެވެ. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކާއި ޗަކަބިންތައް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ވާރޭފެން ރައްކާކުރުމަށް ހިންގޭ މަޝްރޫއުތަކާއި ފަރުތައް މޮނިޓާކޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް މަޝްރޫއުތައް ހިމެނެ އެވެ.

އީޔޫއިން މީގެ ކުރިން ވަނީ ގދ. ތިނަދޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކާއި ޗަކަބިންތައް ހިމާޔަތްކުރުމުގެ މަޝްރޫއަކަށް މާލީ އެހީ ފޯރުކޮށްދީފަ އެވެ.

ގދ. ތިނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކީ ގަޑިއަކު 300 މެގަވޮޓުގެ ކަރަންޓް އުފެއްދުމުގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ ސަބަބުން 7،000 މީހުންނަށް ބޭނުންވާ ހަކަތަ އުފެއްދޭނެ ކަމަށް އީޔޫއިން ބުނެ އެވެ.

ޗަކަބިންތައް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އައްޑޫ ސިޓީ، ޏ. ފުވައްމުލަކު އަދި އއ. އުކުޅަހުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން މިރަށްތަކުގައިވާ ޗަކަބިންތައް ހިމާޔަތްކޮށް، ރަށު ތެރެއިން ފެން ހިންދުމަށް ގެންގުޅޭނެ ސްޓްރެޓެޖީއެއް ހޯދިގެންދާނެ ކަމަށާއި މީގެ އިތުރުން އީކޯޓޫރިޒަމް އަދި ވާރޭފެން ރައްކާކުރުމުގެ މަޝްރޫއުތަކެއް މިރަށްރަށުގައި ހިންގޭނެ ކަމަށް އީޔޫއިން ބުނެ އެވެ.