05 Dec 2013, 12:58
އައިބޭގައި ޖަހައިގެން ވިއްކަން އުޅުނު ފުލެމިންގޯ އެއް ގއ. ކަނދުހުޅުދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީން ފޮނުވި ސިޓީއަކާ ގުޅިގެން އެ ރަށަށް ފުލުހުން ގޮސް ސުލްހަވެރިކަމާ އެކު އެ ދޫނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުން ބަޔަކު އެ ދޫނި ފޮރުވަން މަސައްކަތް ކުރި ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމުން އެ ދޫނީގެ ވެރިފަރާތުން ދޫނި ހިފައިގެން ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދޫނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފުލުހުން މަސައްކަތް ކުރުމުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
http://sun.mv/albums/live_21617.jpg
އެކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ގާނޫނުގައި ބުނެފައިވާ ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ފަރާތްތައް ދޫކޮށްނުލާނެ ކަމަށެވެ. އެގޮތުން ގާނޫނުގައި ބުނެފައިވާ ފަދައިން އެ ފަރާތްތައް 30،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ހިމާޔަތްކޮށްފައި ތިބި ދޫނިތައް ހިފައި ހައްޔަރުކޮށްގެން އުޅޭ މައްސަލަ އާދައިގެ ކަމަކަށް ހަދާ ދޫކޮށްނުލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދޫނިތައް ފިޔަ ކޮށާފައިވާ އެއްޗެހި ފިޔަ ދިގުވުމުން އޭތީގެ އަމިއްލަ ޒާތުގައި އުދުހިގެން ދަންދެން ދައުލަތުން ރައްކާތެރިކަން ދީ ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ވަނީ ނ. ކެނދިކުޅުދޫ ގެއެއްގެ ތެރޭ ހައްޔަރު ކޮށްގެން ގެންގުޅުނު 10 ދޫންޏަކަށް އެ އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނުން ހިމާޔަތްދީފަ އެވެ. އަދި ގދ. އަތޮޅުގެ ރަށެއްގައި އިން ގުރައެއް ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.