05 Dec 2013, 11:54
ރޭ ދަންވަރު ހއ. ހޯރަފުށީގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން ދުވަސް މީހަކު ޒަހަމަކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ދަންވަރު 3:00 ހާއިރު އެމާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ އުމުރުން 53 އަހަރުގެ މީހެކެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ޒަހަމްވެފައި ވަނީ ހއ. ހޯރަފުށީ ފިނިހިޔާގޭ އަބްދުލް ބާރީ އަށެވެ.
ބާރީއަށް އެ އަތޮޅު ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ވޯޑަށް ބަދަލުކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ ބާރީގެ ކަނާއަތު ބޮނބިފަޅީގެ ދެ ތަނަކަށް ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމާރާމާރީ ހިންގާފައި ވަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ކަމަށެވެ.
ބާރީއަށް ހަމަލަދީފައިވަނީ އޭނާ މަހަށް ދިއުމަށް ބަނދަރަށް ދިޔަ މަގުމަތީގައި ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.